ދިވެހި ރާއްޖޭގައި ޓެކްސީގެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ޓެކްސީ ފައިސާ އުރީދޫގެ އެމް ފައިސާއިން ދެއްކޭނެ ގޮތަށް ހަދައިފިއެވެ. މިއަދު އުރީދޫ އިން ތައާރަފްކުރި މި ޚިދުމަތް އަދި ބޭނުން ކުރެވޭނީ ފައިން ޓެކްސީގެ ކަސްޓަމަރުންނަށެވެ.
އުރީދޫއިން މިއަދު ތަޢާރަފް ކުރި މިޚިދުމަތާއެކު ކަސްޓަމަރުންނަށް ފޯނު މެދުވެރިކޮށް ފަސޭހަކަމާއެކު އަވަހަށް ފައިސާ ދައްކާލެވޭނެއެވެ. މީގެ އިތުރުން އުރީދޫއިން މި ޚިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް 1000 އެމްބީގެ ޑޭޓާ ހިލޭ ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ތައާރަފް ކޮށްފައެވެ. އަދި އެމްފައިސާ އިން ޕްރިޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުންނަށް %25 އިތުރު ކްރެޑިޓާއި ޕޯސްޓްޕެއިޑް ކަސްޓަމަރުން އެމް ފައިސާ މެދުވެރިކޮށް ބިލް ދައްކާނަމަ އަންނަ މަހުގެ ބިލުން %5 ލުއިކޮށްދެވޭނެއެވެ.
މިދިޔަ އަހަރު އުރީދޫ އިން ތައާރަފްކުރި އެމް ފައިސާގެ ޚިދުމަތަކީ އާންމުންނަށް ބީރަށްޓެހި ޚިދުމަތެއް ނަމަވެސް އެއީ ގިނަގުނަ ފަސޭހަތަކެއް ލިބިދޭ ފައިދާހުރި ޚިދުމަތެކެވެ. ފައިސާ ނޫޓު ބޭނުންކުރުމުގެ ބަދަލުގައި އުރީދޫގެ އެމް ފައިސާ ބޭނުންކޮށް ޕްރިޕެއިޑް އެކައުންޓް ރީޗާޖް ކުރުމާއި ޕޯސްޓްޕެއިޑް އެކައުންޓުގެ ބިލް ދެއްކުން އަދި އުރީދޫގެ އެމް ފައިސާ ބޭނުންކުރާ ތަންތަނުން ޚިދުމަތް ލިބިގެންދާނެއެވެ.