Last Updated: June 30, 21:11
Tuesday, June 30, 2026
ޚަބަރު

އައްޑޫ ޕޯޓްތަކުގައި ފާރަގެމަ ޤާއިމް ކުރަނީ

މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުންގެ ކުއްތާ ސްކޮޑް (ފާރަގެމަ) ބޭނުން ކުރާ ގޮތް ދައްކާލުން - ވަގުތު އިމޭޖަސް: އަމީން ފަހުމީ

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން އައްޑޫގެ ހުރިހާ ސޯޕޯޓްތަކެއްގައިވެސް ފާރަ ސްކޮޑް ބޭނުން ކުރަން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ ހެޑް އޮފް ސްޓްރެޓެޖިކް ޑިޕާޓްމަންޓް ކަމަށްވާ އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ވަގުތު އޮންލައިން އިން ރިޕޯޓް ކުރާ ގޮތުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި މަޢުލޫމާތު ދެއްވަމުން ޝިފާން ވިދާޅުވެފައި ވަނީ ފާރަގެމަ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެތެރެވާ ހުރިހާ ލަގެޖެއް ބަލައި ފާސް ކުރާ ކަމަށާއި އޭގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ފާރަގެމަ ޙަރަކާތްތެރިވާ ގޮތް ދައްކާފައެވެ.

ޝިފާން އިތުރަށް ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމްތަކާއި އެއް ފެންވަރެއްގައި ފާރަ ގެމަ ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ގޮންޖެހުންތަކެއް ހުރިނަމަވެސް ރާއްޖެއަށް ގެންނަ މަސްތުވާތަކެތި މަދު ކުރުމުގެ މަޤްސަދުގައި ރާއްޖޭގެ ހުރިހާ އިންޓަނޭޝަނަލް ބޯޑާލައިންތަކުގައި ފާރަގެމަ ބޭނުން ކުރުމަށް ވެވެން އޮތް ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ.

މާލޭގެ އިތުރުން ރާއްޖެ ތެރޭގައި ހިންގާ ހުރިހާ އޮޕަރޭޝަނެއްގައި ފާރަ ސްކޮޑްގެ ޖުމްލަ 17 ކުއްތާއެއްގެ ބޭނުން ކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތްތަނުގައި އެޚިދުމަތް ފުޅާކޮށް ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ޝިފާން ވިދާޅުވިއެވެ.