Last Updated: June 30, 21:11
Tuesday, June 30, 2026
ވިޔަފާރި

ބީއެމްއެލްގެ 4000 ވަނަ ޕީއޯއެސް މާޗަންޓަކަށް ރޯޔަލް އިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދިވެހި ވިޔަފާރިތަކަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ނެޓްވޯކް އަށް 4000 ވަނަ މާޗަންޓް އިތުރު ކޮށްފިއެވެ.

އެގޮތުން ބީއެމްއެލް އިން ވަނީ މި ލަނޑުދަނޑި ހާސިލްވުން ފާހަގަ ކުރުމަށްޓަކައި އއ. ރަސްދޫގެ ރޯޔަލް އިން ގެސްޓް ހައުސް ގައި ކުޑަ ހަފްލާއެއް ބާއްވާފައެވެ.

އެއީ "އަހަރެންގެ ބޭންކް" ކެމްޕެއިންގެ ދަށުން ބޭއްވި ހަފްލާއަކަށް ވީއިރު، ބީއެމްއެލް އިން ވަނީ ރޯޔަލް އިން ގެސްޓް ހައުސްގެ މެނޭޖްމެންޓް އަށް ހަނދާނީ ފިލައެއް ދީފައެވެ.

ބީއެމްއެލް އިން ހާސިލް ކުރި މި ލަނޑުދަނޑި އާއި ގުޅިގެން ވާހަކަ ދައްކަވަމުން އެކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް ކަމަށްވާ މުހައްމަދު ޝަރީފް ވިދާޅުވީ ރޯޔަލް އިން އަކީ ޕީއޯއެސް ނެޓްވޯކް އާއި ގުޅޭ 4000 ވަނަ ވިޔަފާރި ކަމަށާއި، އެކަން ރަސްދޫގައި ފާހަގަ ކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ޕީއޯއެސް އަކީ ދިވެހި ވިޔަފާރިތަކަށް ބީއެމްއެލް އިން ވަރަށް ފުޅާ ދާއިރެއްގައި ފޯރުކޮށްދޭ އެއް ޚިދުމަތް ކަމަށާއި، ރަސްދޫގައި އެ ޚިދުމަތް ތަޢާރަފް ކުރެވުން ވެގެން ދާނީ އެރަށުގެ އިޤްތިޞާދާއި ވިޔަފާރިވެރިންނަށް ކުރިއެރުން ލިބޭނެ ކަމަކަށް ކަމެވެ.

ވިޔަފާރި ކުރުމަށްފަހު އެއްވެސް ދަތިކަމަކާއި ނުލައި ރައްކާތެރި ގޮތުގައި ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވާ ޕީއޯއެސްގެ ޚިދުމަތްދޭ ޓާމިނަލްތަކުން ދުނިޔޭގައި ބޭނުން ކުރާ މަޝްހޫރު ހުރިހާ ކާޑްތަކެއްވެސް ބަލައިގަންނާނެއެވެ.

"އަހަރެންގެ ބޭންކް" އަކީ ބީއެމްއެލް އާއި ދިވެހި ރާއްޖޭގެ މުޖުތަމަޢުއާއި ދިވެހިންނާއި މެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްސަދުގައި މުޅި ޤައުމަށް އަމާޒް ކޮށްގެން އެކުންފުނިން ކުރިއަށް ގެންދާ ކެމްޕެއިން އެކެވެ.

އެގޮތުން އެކެމްޕެއިންގެ ދަށުން މި ފެބްރުއަރީ މަހުގެ ކޮން ދުވަހަކުވެސް މުޖުތަމައުއަށް ފައިދާ ކުރުވަނިވި ޙަރަކާތެއް ބީއެމްއެލް ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އާ ފެސިލިޓީތައް ހުޅުވުމާއި ޚިދުމަތްތައް ފުޅާ ކުރުމާއި އަދި މުޖުތަމަޢުއަށް އެހީތެރިވުމުގެ ގޮތުން ތަފާތު ޙަރަކާތްތައް ހިންގުން ހިމެނެއެވެ.

މިހާރު ރާއްޖޭގެ 20 އަތޮޅެއްގައި ބީއެމްއެލްގެ 31 ބްރާންޗް ހުންނައިރު، 78 އޭޓީއެމް އާއި 4000 ޕީއޯއެސް މާޗަންޓުން ހިމެނެއެވެ. އަދި 190 ކޭޝް އޭޖެންޓުންނާއި 20 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި ފަސް ދޯނި ބޭންކިން ޔުނިޓްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ޚިދުމަތްވެސް ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ދެމުންނެވެ.

ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ މުޖުތަމައުތަކަށް އެހީތެރިކަން ފޯރު ކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.