ކ. ހިންމަފުށީ ގެއެއްގެ ދޮރަށް އަރާފައިވާ ވަޒަނާއި ގުޅޭ ގޮތުން ރާއްޖޭގެ އަސްކަރިއްޔާއިން ނެރުނު ނޫސް ބަޔާނާއި މެދު ކަންބޮޑުވާކަމަށާއި، ވަޒަން ގެންގުޅެނީ ކޮން ބައެއްތޯ ބަލައި ތަހްގީގް ކުރަން ޖެހޭކަމަށް ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި މިހާރުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްްޖެއެވެ.
މިދިޔަ ބުދަ ދުވަހު ހިންމަފުށީ ގެއެއްްގެ ކުަޑަ ދޮރަށް އަރާފައިވާ ވަޒަނާއި ގުޅޭ ގޮތުން އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ވަނީ ގިރިފުށިން ހިއްމަފުއްޓާއި ހަމައަށް ވަޒަނެއް ނުފޯރާނެކަމަށެވެ.
ގިރިފުށިން އައި ވަޒަނެއް ނޫންކަމަށް އަސްކަރިއްޔާއިން ބުނާ ނަމަ ދެން ހަތިޔާރު ގެންގުޅޭ އެެހެން ބަޔަކު ތިބިތޯ ރިޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.
ފުލުހުންގެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ރިޔާޒް ވިދާޅުވީ ވަޒަން އައި ގޮތް ފުލުހުން ތަހްގީގް ކުރަން ޖެހޭކަމަށެވެ. އަދި މިއީ ހިންމަފުށީގައި ހިނގި މިފަދަ ދެވަނަ ހާދިސާ ކަމަށްވެފައި ވަޒަން މީހަކާއި އަމާޒުވި ނަމަ އެމީހަކު މަރުވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
އެމްއެންޑީއެފުން ބުނީ ހިންމަފުށީ ގޭގެ ދޮރަށް އެރި ވަޒަނަކީ ގިރިފުށި ޓްރެއިނިންގ ސެންޓަރުން ހިންމަފުށްޓަށް ފޯރާނެ ވައްތަރުގެ ވަޒަނެއް ނޫން ކަމަށާއި ހަތިޔާރާއި ވަޒަން ބޭނުންކޮށްގެން ހިންގާ ތަމްރީނުތަކަކީ އޭގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ މުދަލަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރެވިގެން ހިންގާ ތަމްރީނުތަކެއް ކަމަށެވެ.