ރިއާސީ އިންތިހާބަށް އަހަރަކަށް ވެފައި ވަނިކޮށް އިއްޔެ ރައީސް އަބްދުﷲ ޔާމީން ދެއްވި ރިޔާސީ ބަޔާނުން އައްޑޫގެ ކުރިމަގާއި މެދު ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަވެ ނިމިއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވަމުން ގެންދެވިއިރު ބައެއް ރައްޔިތުން ޓީވީ ބަލަން ތިބީ މި ސިޓީގެ ކުރިއެރުމަށް ސަރުކާރުން ކުރިއަށް އޮތް އިންތިހާބާއި އެކުވެސް އިއްލާން ކުރައްވާނެ ބިޔަ ތަރައްޤީގެ މަޝްރޫއު އަޑުއަހާށެވެ. ނަމަވެސް މުޅި ބަޔާން އިއްވައި ނިމުނު އިރުވެސް އައްޑޫ ރައްޔިތުން ބޭނުންވި ތަރައްޤީގެ ވާހަކައެއް އަޑު ނީވުނުވެ.
2017 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސް އަބްދުﷲ ޔާމީން އައްޑޫ އާޢި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ ށ. ކޮމަންޑޫ، ރ. މަޑުއްވަރީ، ބ.އޭދަފުށި، ޅ. ހިންނަވަރު، ދ.މީދޫ، ދ. ކުޑަހުވަދޫ، އަދި ސ. ފޭދޫ ގައި ޖުމްލަ 600 ހައުސިން ޔުނިޓް ގާއިމް ކުރައްވާނެ ވާހަކަ އާއި އައްޑޫގައި އަޅަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ބަދަލުގައި ހިތަދޫ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރައްވާ ވާހަކައެވެ.
ހިތަދޫ ހޮސްޕިޓަލްގެ ވާހަކަ ރައީސް އަބްދުﷲ ޔާމީންގެ ފާއިތުވި 4 ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި އިރު ކޮންމެ އަހަރެއްްގައިވެސް ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ވާހަކަ ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވި އިރު ރައްޔިތުން ތިބީ، އިންޓަގްރޭޓެޑް ޓޫރިޒަމް ޕްލޭން އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީ އާޢި ގުޅުވައިގެން އައްޑޫ، ފުވައްމުލައް އަދި ހުވަދޫގެ އިންތިސާދީ ޕްލޭންގެ ވާހަކަ އަޑުއަހާށެވެ.
ރާއްޖެ މިހާތަނަށް ދެކެފައި ނުވާފަދަ "އިގްތިސާދީ ލީޑަރ"ގެ ވެރިކަމުގެ ފުރަތަމަ 3 އަހަރު ނިމި 4 ވަނަ އަހަރު ފެށިގެން ދާއިރު އަދިވެސް އައްޑޫން ފެންނަނީ ވީރާނާކަމެވެ.
ސަރުކާރުގެ ވެރިން ކިތަންމެ ވަރަކަށް "ރައްޔިތުންގެ ލޮލަށް"ގޮވި ނަމަވެސް ސަރުކާރުން ވައުދުވި ކަންކަން ފުއްދަމުންދާތަން ނުފެނެއެވެ. މި ސަރުކާރުން އައްޑޫ ރައްޔިތުންނަށްވި އެންމެ ބޮޑު ވައުދަކީ 5000 އެނދު ތަރައްޤީކޮށް އަމިއްލަ އަތޮޅުގައި ތިބިގެން ވަޒީފާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމެވެ.
ރިޔާސީ ބަޔާން އިއްވުމުގެ ކުރިން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު އައްޑޫއަށް ވަޑައިގެން އެކި ކަންކޮޅު މައްޗަށް ދުއްވަވައި އެތަން މިތަން ބައްލަވާލެއްވުމަށްފަހު ވިދާޅުވީ، އިންޓަގްރޭޓެޑް ގެސްޓް ހައުސް ޓޫރިޒަމް ތައާރަފްކޮށް އައްޑޫގެ ޓޫރިޒަމާއި މެދު ރައްޔިތުން ދެކޭ ގޮތް ބަދަލުކޮށްލައްވާނެކަމަށެވެ.
އެވާހަކަތަކަށް މަސް ދުވަސް ނުވަނީސް ރިޔާސީ ބަޔާން އިއްވާތީ ރައްޔިތުން އުއްމީދުކުރީ ރައީސް އަބްދުﷲ ޔާމީން އެޕްލޭންގެ ވާހަކަ ރަސްމީކޮށް އިއްލާން ކުރައްވާނެ ކަމަށެވެ.
އެސްއީޒެޑްގެ މައިދޮރާށި ކަމަށް އައްޑޫ ހައްދަވާނެ ކަމަށް ވިދާޅުވި ފަހުން އިސްމެހެލާ ހެރަ މަޝްރޫއުވެސް އިފްތުތާހް ކުރެވުނެވެ. އޭގެ ފަހުން އެތަނުގެ ވާހަކަ ރައީސް ނުދައްކަވައެވެ. މުޅި ބަޔާން އަޑު އަހައި ނިމުނު އިރު ރައްޔިތުން ތިބީ މުޅިން މާޔޫސްވެފައެވެ. އަސަރެއް ނެތް އެ ރިޔާސީ ބަޔާނުންވެސް ދޭހަވީ އައްޑޫ ރައްޔިތުންގެ މާ ބޮޑު ބޭނުމެއް އެއްވެސް ސަރުކާރަކަށް ނެތްކަމެވެ. ކަމެއް ކޮށްނުދިނަސް "ޝުކުރިއްޔާ ޔާމީން" ޖަހައިގެން ސޯޝަލް މީޑިއާގައި މިސިޓީގެ މީހުން އުޅޭނެކަން މި ސަރުކާރަށް ރަނގަޅަށް އެނގެއެވެ.