އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަންނަ އަހަރު ހުޅުވިގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ޔާމީން ވިދާޅުވީ އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީން މިގޮތަށް ވިދާޅުވިއިރު 2011 ވަނަ އަހަރު އައްޑޫގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް އެޅި ހިތަދޫ ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އެލިއާ ކޮންސްޓަރަކްޝަން އާއި ވަނީ ހަވާލުކޮށްފައެވެ.
އޯޕިޑް ފަންޑުން ހިތަދޫގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލްގެ ބަދަލުގައި މި ސަރުކާރުން ނިންމާފައިވަނީ ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލުކުރުމަށެވެ. 161 މިލިއަން ރުފިޔާ ހޭދަކޮށްގެން ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އައްޑޫގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވިގެންދާއިރު ހދ. ކުޅުދުއްފުށީގައި 150 އެނދުގެ ޓަޝަރީ ހޮސްޕިޓަލެއްވެސް މި ސަރުކާރުން އިމާރާތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އައްޑޫ ހޮސްޕިޓަލްގެ މަސައްކަތް ނިންމުމަށް އެލިއާ ކޮންސްޓަރަކްޝަން އަށް ދީފައިވަނީ 18 މަސް ދުވަހެވެ.