ޖީއެސްޓީ ނުނަގާ މުއްދަތެއްގެ ޖީއެސްޓީ ފައިސާ ދެއްކުމަށް އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީއަށް އެންގުމަށްފަހު އެކޯޕަރޭޓިވްގެ ބޭންކް އެކައުންޓް ފްރީޒްކޮށް ބައިލައްކަ ރުފިޔާ މީރާއިން ނަގައިފިއެވެ.
512 މެމްބަރުން ހިމެނޭ ރާއްޖޭގެ ނަމޫނާ ކޯޕަރޭޓިވްގެ އެކައުންޓް މީރާއިން ފްރީޒް ކުރުމަށް ފަހުވަނީ 51847 ރުފިޔާ ވަނީ ކަނޑާފައެވެ.
"އައްޑޫ އެވޯޑް" ވެސް މި އަހަރު ލިބުނު އައްޑޫ މީދޫ ކޯޕަރޭޓިވްގެ އިސް އޮފިޝަލަކު މިއަދު "އައްޑޫލައިވް" އަށް ބުނީ މީދޫގެ ދަނޑުވެރިންގެ ބުރަ މަސައްކަތުން ހޯދާފައިވާ ފައިސާ މީރާއިން ނަގާފައިވަނީ އެއްވެސް ހަމައެއް އުސޫލެއް ނެތިކަމަށެވެ.
އެކޯޕަރޭޓިވް ބުނީ 2013 ވަނަ އަހަރުގެ ފަހު ކުއާޓާރ ގައި އެކޯޕަރޭޓިވްގެ ވިޔަފާރި ޖީއެސްޓީއަށް ރެޖިސްޓަރ ކުރުމުން އެތަނުގެ ވިޔަފާރި ނަން ނުބައިކޮށް ސެޓްފިކެޓްގައި އޮތުމާއި ގުޅިގެން އެކަން އިސްލާހު ކުރުމަށް މީރާއަށް ހުށަހަޅައިގެން 2013 ވަނަ އހަރު ނިމުނު އިރުވެސް އެކަންކަން އިސްލާހު ކުރެވިފައި ނުވާކަމަށެވެ.

"މީގައި ދިމާވި މައްސަލައަކީ މީރާއިން އަޅުގަނޑުމެންގެ ކޯޕަރޭޓިވްގެ ވިޔަފާރި ނަން ސެޓްފިކެޓްގައި ޖަހާފައި ފޮނުވިއިރު މި އޮންނަނީ "އޭއެމްސީ ފާމާސް" އެއީ ކޯޕަރޭޓިވްގެ ވިޔަފާރި ނަމެއް ނޫން އެހެންވެ އެކަން ރަނގަޅު ކުރުމަށް އެދުނީ، އެކަންކަން ރަނގަޅު ނުކުރެވި އޮތުމުން އެ މުއްދަތުގައި ޖީއެސްޓީ ނުނަގާ، އެކަން ރަނގަޅުވެ ޖީއެސްޓީ ނަގަން ފެށީ 2014 ވަނަ އަހަރު، އެމުއްދަތުން ފެށިގެން ޖީއެސްޓީ ކަންކަން މިގެންދަނީ ވަރަށް ހަރުދަނާ ގޮތަކަށް ކުރަމުން"

އޮފިޝަލް ވިދާޅުވީ މީރާގެ ޓީމެއް 2014 ވަނަ އަހަރު ކޯޕަރޭޓިވް އޮފީހަށް ޒިޔާރަތްކޮށް އެތަނުގެ ލިޔެކިއުން ބެލުމަށްފަހު އެ މުއްދަތުގައި ޖީއެސްޓީ ނަގާފައި ނުވާކަމަށް ރިޕޯޓްގައި ލިޔުނުކަމަށެވެ. ނަމަވެސް 2015 ވަނަ އަހަރުގައި މީރާއިން އައިސް 2013 ވަނަ އަހަރުގެ މުޅި ހިސާބަށް ބަލައި އެއަހަރު ފަހު ކްއާޓާރގެ ސޭލްސްއިން ޖީއެސްޓީ ދެއްކުމަށް އަންގައި އެންމެ ފަހުން އިންޒާރުދީ އެކައުންޓް ފްރީޒްކޮށް ފައިސާ ނަގާފައިވާ ކަމަށެވެ.
ކޯޕަރޭޓިވްއިން ބުނީ އެކޯޕަރޭޓިވްގެ ބޭންކް އެކައުންޓްގައިވާ ފައިސާ ކެނޑުމަށްފަހު މީރާއިންދޭ ޖެހޭ ރިސިޕްޓް ވެސް ފޯރުކޮށް ނުދިން ކަމަށެވެ.
"އަޅުގަނޑުމެންގެ ކޯޕަރޭޓިވް އަކީ ދަނޑުވެރިންގެ އެއްޗެއް، އެމީހުން ބުރަ މަސައްކަތުން ހޯދާފައިވާ ފައިސާ ހުރީ، މިއީ އާއްމު އެންމެ ފަރުދެއްގެ ވިޔަފާރިއެއް ނޫން، މީގެ ހުރިހާ ލިޔެކިއުމެއް އޮޑިޓް ކުރާތަނެއް މިތަނަކީ"
އޮފިޝަލް ވިދާޅުވީ ބޭންކް އެކައުންޓް ފްރީޒްކޮށް، ފައިސާ ކަނޑާފައިވާއިރު ކޯޕަރޭޓިވްގެ އޮފީސް އިމާރާތް ހެދުމަށް މިލިއަނެއްހާ ރުފިޔާގެ ޕްރޖެކްޓެއް މިހާރުވެސް ބާރު ސްޕީޑެއްގައި ކުރިއަށް އެބަދެއެވެ. އެހެންވެ މިގޮތައް މީރާއިން ކަންތައް ކުރުމުން ބޮޑު ގެއްކުމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
"ފައިސާ ހުރީ އެކައުންޓުން ކަނޑާފައި، ފައިސާ ކެނޑިކަމުގެ ރަސީދު ދޭން ބުނުމުން މި ބުނަނީ އެމްއެމްއޭއިން ލިޔުމެއް ލިބިގެންނޭ ރިސިޕްޓް ދެވޭނީ. މިއީ ކޮންކަހަލަ ހަމައެއްތޯ"
އައްޑޫ މީދޫ ކޯޕަރޭޓިވް އަކީ ރާއްޖޭގައި މިވަގުތު އެންމެ ހަރުދަނާކޮށް ހިންގަމުން އަންނަ ކޯޕަރޭޓިވްއެވެ. ނިމިގެން ދިޔަ 2016 ވަނަ އަހަރުވެސް މީދޫ ކޯޕަރޭޓިވްގެ ހިއްސާއަކަށް 25 ރުފިޔާ ބެހުމަށް ބޯޑުން ވަނީ ނިންމާފައެވެ.