އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 12 އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް މެދުކެނޑުމަށް ފަހު މާދަމާއަށް ހައި ކޯޓުގައި ތާވަލް ކޮށްފިއެވެ.
ޝެއިޚް އިމްރާން ވަނީ 2015 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ބައިވެރިވެ މާލޭގައި ކުރި މުޒާހަރާގައި މަގުތަކުގައި ހަމަނުޖެހުން އުފެދުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނެ ޖަލަށް ލެވުމަށް ފަހު ގޭބަންދަށް ދޫކޮށްފައެވެ.
ނަމަވެސް އިމްރާނާއި ދެކޮޅަށް ކުރެވުނު ދައުވާ އިސްތިއުނާފު ކުރުމަށް ކޯޓަށް ހުށައަޅައި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހަކަށް ބާއްވާފައިވަނީ މިދިޔަ އަހަރުގެ އެޕްރިލް މަހުގައެވެ.
ގިނަ ދުވަސްތަކެއް ވަންދެން މިމައްސަލަ މެދުކެނޑުމަށް ފަހު ހައި ކޯޓުން ވަނީ މާދަމާއަށް މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައެވެ.
ޝެއިޚް އިމްރާނަކީ ދައުވާއެއް އަދި އަޑުއެހުމެއް ނެތި ޖަލުގައި ބަންދުކުރެވުނު ސިޔާސީ ލީޑަރެކެވެ.