ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެވޭ މީހުންގެ ޝަރުތުތައް ބަދަލުކޮށް މަޖިލީހަށް ހުށައެޅި އިސްލާހު މިއަދު ވަނީ މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައެވެ. ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 41 މެމްބަރަކު މިއިސްލާހަށް ވޯޓު ދީފައިވާއިރު ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ 23 މެމްބަރުންނެވެ.
ހޮޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ މުހައްމަދު ހުށައެޅި އިސްލާހުގެ ސަބަބުން މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަ އާއި ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ މައްސަލައާއި ކުޑަ ކުއްޖަކަށް ބަދުއަޚުލާގީ އަމަލު ހިންގި މައްސަލަ އަދި އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ މައްސަލައެއް ސާބިތުވެފައިވާ މީހަކަށްވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކައުންސިލަށް ވާދަކުރެވޭނެއެވެ.
ޕީޕީއެމްގެ ފަރާތުން ހުށައެޅި އިސްލާހުގައި ބަޔާންވެފައިވާ ގޮތުން ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ދެ އަހަރު ފާއިތުވުން ނުވަތަ އެ ހުކުމެއްގެ އަދަބު މާފުކޮށްދެވުނުތާ ދެ އަހަރު ފާއިތުވެފައިވާނަމަ ކައުންސިލް އިންތިޚާބުގައި ވާދަކުރެވޭނެއެވެ.
ބޮޑެތި ކުށްތައް ސާބިތުވެފައިވާ ކުށްވެރިންނަށް ކައުންސިލް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނު އަސާސީގައި ބަޔާންވެފައިވާ ދެ މާއްދާ ކަމަށްވާ 28 ވަނަ މާއްދާއާއި 44 ވަނަ މާއްދާ ވަނީ މި އިސްލާހުގައި އުނިކޮށްފައެވެ.
މީގެއިތުރުން ފުލްޓައިމް ދަރިވަރަކަށް ކިޔަވަމުންވެސް މިއިސްލާހާއެކު ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިދެއެވެ. ކުރިން ބޭރު މީހަކު އިންތިޚާބުގައި ވާދަކުރާނަމަ ދިވެހި ރައްޔިތަކަށް ވެ، ދިވެހި ރާއްޖޭގައި ފަސް އަހަރުވަންދެން ދިރިއުޅެ ވާދަކުރާއިރުވެސް އުޅެން ޖެހެނީ ރާއްޖޭގައެވެ. ނަމަވެސް މިއިސްލާހާއެކު ރާއްޖޭގައި ނެތަސް ދިވެހި ރައްޔިތަކަށްވެ، ފަސް އަހަރު ރާއްޖޭގައި ހޭދަކޮށްފިނަމަ ވާދަކުރެވޭނެއެވެ.
ޕީޕީއެމްގެ ފަރާތުން ހުށައެޅުނު މިއިސްލާހު އަންނަ މަހުގެ އެޕްރިލް 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް އަމަލު ކުރެވޭނެ ގޮތަށް ވަނީ އިސްލާހު ފަރުމާކޮށްފައެވެ. އަދި އިންތިޚާބުގައި ކެންޑިޑޭޓުންނަށް ބައިވެރިވުމުގެ ފުރުސަތުވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އިތުރުކޮށްފައެވެ.