ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ޅެން ބައިތަކުން ދިވެހި ޖުޑިޝިއަރީއަށް ފާޑު ވިދާޅުވައިފިއެވެ.
ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މަހުލޫފް ވަނީ ދިވެހި ރާއްޖޭގެ މަސްރަހު ވަރަށް ގާތުން ބައްލަވަމުންނެވެ. މީގެ ހެއްކަކަށް ވެފައިވަނީ ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުން މަހުލޫފް އަންނަނީ އޭނާ ދެކޭގޮތް ނޫސް ބަޔާން މެދުވެރިކޮށް ބަޔާންކުރަމުންނެވެ.
މަހުލޫފުގެ އެންމެ ފަހުގެ ކަންބޮޑުވުން އަމާޒުވެފައިވަނީ ޖުޑިޝިއަރީ އަށެވެ. މިއަދު މަހުލޫފު ނެރުނު ނޫސް ބަޔާނެއްގައި ދިވެހި ފަނޑިޔާރުގެތައް މިސްކިތްތަކަށް ވުރެ މާތް ތަނެއް ކަމަށް ހެދުމަށް ކުރާ މަސައްކަތަށް ފާޑުކިޔާފައިވެއެވެ. ނަމަވެސް ޖުޑީޝިއަރީ އިން އެކުރާ މަސައްކަތަކީ މިއަދުގެ ކޯޓުތަކުގެ ހާލަތަށް ބަލައި، ފޫނެތް ފަޔަކަށް ފެންފުރުން ކަމަށް މަހުލޫފް ސިފަކޮށްފައިވެއެވެ.
އާ ގާނޫނު އަސާސީގެ ދަށުން ތިން ބާރު ވަކިވެފައިވާ ނިޒާމެއް ދިވެހިން ދެކެމުން އަންނައިރު ފަނޑިޔާރު ގެތަކުން ކުރާ ބުއްދިއަށް ނުވިސްނޭ ހުކުމް ތަކުން ރައްޔިތުންގެ އިހުތިރާމެއް ލިބޭނެ ޖާގައެއް ނެތްކަމަށް މަހުލޫފު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު އޭނާއަށް އިއްވުނު ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހުށައަޅައި، 5 މަސް ފާއިތުވެގެން ދިޔައިރުވެސް އެން އަޑުއެހުމެއްވެސް ކޯޓުން ތާވަލުކޮށްފައި ނުވާ ހާލުވެސް އޭނާ ހުންނަން ޖެހެނީ އަނގަ ބަންދުކޮށްގެންތޯ މަހުލޫފް ވަނީ ކޯޓުތަކާއި ސުވާލުކޮށްފައެވެ.
ކާނަލް ނާޒިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރި ކުރުމަށް މުޅި ދުނިޔެ ދެކޮޅު ނަމަވެސް ފަނޑިޔާރުންގެ ހުކުމަށް ބަދަލު ނުގެނެސް ތިބުމުން ރައްޔިތުން ތިބެންވީ ބަލަހައްޓައިގެންތޯ ސުވާލުކޮށްފައިވެއެވެ. މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަދީބަށް ތާއީދު ކުރި ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަހުމަދު އަޝްރަފް(ޝުމްބާ ގޮންގް) ހުކުމަކާއި ނުލައި ޖަލުގައި އަހަރަކަށް ވުރެ ގިނަ ދުވަހު ބަހައްޓާފައި ހުރި ހުރުންވެސް މަހުލޫފު ވަނީ ފާހަގަކޮށްފައެވެ.
ކޯޓުތަކުން ކޮށްފައިވާ މިފަދަ އެތައް ހުކުމްތަކަށް ފާޑުކިޔަމުން މަހުލޫފް ބަޔާން ނިންމާލާފައިވަނީ ޅެމަކުންނެވެ. އަސަރުގަދަ ބަސްތަކެއް އަމުނާފައިވާ މިޅެމުން ފުން މާނައެއް ދޭހަވެގެންދެއެވެ.
ފިޔަތައް ކޮށާ ކޮއްޓަށް ލިޔަސް
ދުލުގައި ހިފާ އަނބުރާ ލިޔަސް
ދިޔަޔަސް ފުރާނަ މި ހުރަގެއަށް
ފިޔަވަޅު ފަހަށް ނާޅާނަމޭ،
އިންސާފަކީ ގަދަބާރުކަން
ފައިސާގެ ދަޅައިން އެންގިޔަސް
އިންސާފު ނެތް ޤާނޫނަކަށް
ކިޔަމަންވެ ބޯލެނބުމެއް ނެތޭ