ގެފުޅު ކައިރީގައި ހުރެގެން އަމިއްލަ ގައިގައި ރޯކޮށްލަން މަސައްކަތް ކުރި މީހަކު ސައުދި އަރަބިއާގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.
ސައުދީ ފުލުހުން ބުނެފައި ވަނީ އަމިއްލަ ގަޔަށް ކަރާސީނު އަޅައިގެން ރޯކޮށްގެން މަރުވާން އުޅުނު މީހަކު، އެކަން ކުރުމުގެ ކުރިން އާންމުން އޭނާ ހުއްޓުވައި ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި އެކަން ކުރުމަށް މަސައްކަތް ކޮށްފައި ވަނީ އުމުރުން 40 އަހަރުގެ މީހެކެވެ.
ގެފުޅުގެ ސަލާމަތީ ކަންކަމާއިބެހޭ ފުލުހުން ނެރުނު ބަޔާނެއްގައި ވާގޮތުން އެކަން ކުރަން އުޅުނު މީހާގެ ޢަމަލުތައް ހުރިގޮތުން ހީވަނީ އޭނާ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށާއި، މައްސަލަ ތަޙުޤީގު ކުރުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި ގެފުޅުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފުލުހުންގެ މީޑިއާ ތަރުޖަމާނު ކަމަށްވާ މޭޖަރު ސަމީހް އަލް ސިލްމީ ވިދާޅުވީ ގެފުޅުގައި ރޯކޮށްލަން އޭނާ މަސައްކަތް ކުރި ކަމަށް ބުނާ ޚަބަރު ތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އޭނާގެ އަސްލު މަޤްސަދަކީ އޭނާގެ އަމިއްލަ ނަފްސަށް ގަސްތުގައި ގެއްލުން ދިނުން ކަމަށެވެ.