މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުނު ހާދިސާގެ ތަހްގީގް ގޮސްފައިވާ ހިސާބު އާއިލާއާއި ފުލުހުން ހިއްސާ ކުރަންޖެހޭނެ ކަމަށް ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި މިހާރު ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒް ވިދާޅުވީ ރިލްވާންގެ މައްސަލައިގެ ތަހްގީގް ގޮސްފައިވާ ހިސާބުގެ މައުލޫމާތު ހޯދުމަށް އާއިލާއިން ކޯޓަށް ދާ ހިސާބަށް ފުލުހުން ގެންދަން ނުޖެހޭ ކަމަށެވެ.
ރިޔާޒް މިގޮތަށް ވިދާޅުވިއިރު ރިލްވާން ގެއްލުނު މައްސަލައިގެ ތަހްގީގާއި ގުޅޭ މައުލޫމާތު އާއިލާއިން އެދުމުންވެސް ފުލުހުން ހިއްސާ ނުކުރުމުން އެއާއިލާއިން ވަނީ އެމައުލޫމާތު ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
ރިލްވާންގެ މަންމަ، އާމިނަތު އީސާ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ވެސް ކޯޓުގައި ފަށާފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
ރިލްވާން ގެއްލުނުތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު އޭނާ އެންމެ ފަހުން ފެނިފައި ހުޅުމާލޭ ފެރީ ސަރަހައްދުންނެވެ. އެމައްސަލަ އާއި ގުޅިގެން ފުލުހުން މާގިނަ ވާހަކައެއް ނުދައްކަވައެވެ.