މިއަދު ބާއްވަން ތާވަލް ކުރި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ޝަރީޢަތް ކެންސަލް ކޮށްފިއެވެ.
މިއަދު ހެނދުނު އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފައި ވަނިކޮށް އަޑުއެހުން ވަނީ ކެންސަލްކުރި ސަބަބެއް އަދި އެ އަޑުއެހުން ދެން ބާއްވާނެ ދުވަހެއް ހައި ކޯޓުން ބުނެފައެއް ނުވެއެވެ.
މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަކީ، އިމްރާންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ ބާއްވާ އަޑުއެހުމެކެވެ. އިމްރާންގެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާންގެ މައްސަލަ ބަލާ ބެންޗަށް ބަދަލު އައީ އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުޖާއު އުސްމާނު ހައި ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލު ކުރުމުންނެވެ. ޝުޖާއުގެ ބަދަލުގައި އެ ބެންޗުގައި މިހާރު އިންނަވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ޝުޖާއުގެ އިތުރުން އެ ބެންޗުގައި އޭރު ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އިމްރާން ޖަލަށް ލާން ހުކުމް ކުރިޔަސް މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން، މާފުށީ ޖަލުގެ މަރާމާތެއް ކުރަން ޖެހޭ ކަމަށް ބުނެ ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.