ޖަރުމަނުވިލާތުގެ ބެޔާން މިއުނިކް ކެޕްޓަން، ފިލިޕް ލާމް އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ހުއްޓާލުމަށް ނިންމައިފިއެވެ.
ވޯލްޑް ކަޕް ޗެމްޕިއަންކަން 2014 ވަނަ އަހަރު ޖަރުމަނަށް ހޯދައިދިން ކެޕްޓަން 33 އަހަރުގައި އޭނާގެ ޕްރޮފެޝަނަލް ކެރިއަރ ނިންމާލުމަށް ގަސްދުކޮށްފައިވާ ކަން އަންގާފައިވަނީ ބެޔާން އަށް ކުޅުނު 501 ވަނަ މެޗަށް ފަހުގައެވެ.
"އަހަންނަށް ސީޒަން ނިމެންދެން މިގޮތުގައި ކުޅުންތެރިން ލީޑުކުރަމުން ކުޅެވޭނެ. އެހެން ނަމަވެސް އެއަށްފަހު ކުޅެވޭނެ ކަމަކަށް ނުބެލެވޭ. ވަރަށް ގިނަ ދުވަހު ކުޅުމުގައި ހޭދަކުރެވިއްޖެ. ހުއްޓާލުމަށް ގަސްދުކުރާތާ ދުވަސްކޮޅެއްވެއްޖެ" ލާމް ބުނެފައިވެއެވެ.

ބެޔާން މިއުނިކްގެ ބީ ޓީމުން ކުޅެން ފެށި ލާމް އޭނާގެ ސީނިއާ ކެރިއަރ ފަށާފައިވަނީ 2002 ވަނަ އަހަރުގައެވެ. އޭނާގެ މުޅި ހަޔާތް ބެޔާންގައި ހޭދަކުރިއިރު 7 ފަހަރު ލީގު ތަށި ނަގާފައިވެއެވެ. 6 ޖާމަން ކަޕުގެ އިތުރުން ޔޫރަޕުގެ ޗެމްޕިއަންކަންވެސް އޭނާގެ ކެޕްޓަން ކަމުގެ ދަށުން ބަޔާން ނަގާފައިވެއެވެ.
ލާމް ބުނެފައިވަނީ އޭނާގެ ކެރިއަރުގައި އެންމެ ފަޚުރުވެރިވާ ކާމިޔާބީއަކީ 2014 ވަނަ އަހަރު ގައުމަށް ވޯލްޑް ކަޕް ތަށި ހޯދާދެވުމުން ކަމަށެވެ. ޖަރުމަނުވިލާތަށް އޭނާ ވަނީ 113 މެޗު ކުޅެދީފައެވެ.