އައްޑޫ ސިޓީއިން 700 މީހަކު މުޅިން އަލަށް ސަރުކާރު ހިންގާ ޕީޕީއެމްއާއި ގުޅިއްޖެއެވެ.
މިއަދު ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ބާއްވާ "އައްޑޫ ޔަގީން" ޖަލްސާގައި ޕާޓީއާއި އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީނާއި ހަވާލުކޮށްފައިވަނީ ޕީޕީއެމްގެ ފަރާތުން އައްޑޫގެ ގޮނޑިތަކަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނެވެ.
މިހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އައްޑޫ ސިޓީއަކީ ޕީޕީއެމްއާއި އަބަދުވެސް ވަރަށް ގާތް ތަނެއް ކަމަށެވެ. އަދި އައްޑޫގެ ތަރައްގީއަށް އައްޑޫގެ ޒުވާނުންގެ ތެރެއިން މިހާ ބޮޑު އަދަދެއް ޕީޕީއެމް އާއި ގުޅުމަކީ އެޕާޓީއަށް ލިބިގެންދިޔަ ވަރަށް ބޮޑު އާރޯ ކަމަކާއި ތާޒާކަމެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވެފައިވަނީ މިއަދު އައްޑޫގެ ތަރައްގީއަށް ބޭނުންވަނީ ލިބެން ހުރި ރިސޯސަސް ތަކުގެ ބޭނުން ހިފައިގެން ތަރައްގީ ހާސިލުވެވޭނެ ޒުވާނުންތަކެއް ނިކުތުމެވެ.
މާލެ ހުޅުލެ ބްރިޖުގެ މަސައްކަތް ނިމެން ކައިރިވެފައިވާތީ ރައީސްގެ ވާހަކަފުޅުގައި އެފަދަ ބޮޑު ނޫން ނަމަވެސް ބްރިޖްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އެޅުމުގެ ވިސްނުން ސަރުކާރުގައި ހުރިކަމަށް ހާމަކޮށްފައިވެއެވެ.