2011 ވަނަ އަހަރުގެ ސާކް ސަމިޓަށް އައްޑޫގައި އިމާރާތްކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރަކީ ކިރިޔާ ގަނބަ ގަނބާ ހުރި ތަނެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
'އައްޑޫ ޔަޤީން' ނަމުގައި މިއަދު މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސާކް ސަމިޓުގެ އެންމެ ޖަލްސާއެއް ބޭއްވުމަށް އީސީސީ ބިނާކުރުން ޖަސްޓިފައި ނުކުރެވޭ ކަމަށެވެ.
"ޖަސްޓިފައެއް ނުކުރެވޭ ސާކް ސަމިޓް އެންމެ ޖަލްސާއެއް ބާއްވާކަށް އެވަރުގެ ބޮޑުތަނެއް ހަދާކަށް ޖަސްޓިފައެއް ނުކުރެވޭ އެހެން ހަދާކަމަށް ވަންޏާ އޭގެ ބޭނުން ހިފޭނެ ދިގު މުއްދަތުގެ ޕްލޭނެއް ވެސް އޮންނަން ޖެހޭ."، ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އީސީސީ އަކީ "ކިރިޔާ ގަނބަ ގަނބާ ހުރި ތަނެއް"ގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް، ސަރުކާރުން މިހާރު ގެންދަނީ އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، އީސީސީ އަކީ ކޮންވެންޝަނަލް ޓޫރިޒަމަށް ބިނާކޮށްގެން ހެދި ތަނެއް ކަމަށެވެ.