Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

ފެބްރުއަރީ 8 ގައި ފަސް ކޯޓެއް އަންދާލި: ޑީޖޭއޭ

ފެބުރުއަރީ 8 ވަނަ ދުވަހު ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅު ރޯކޮށް އަންދާލާފައި --- ސަން ފައިލް ފޮޓޯ

8 ފެބްރުއަރީ 2012 ގައި ރާއްޖޭގައި ހިނގި ހަމަނުޖެހުންތަކުގައި ފަސް ކޯޓެއްގައި ރޯކޮށް އެއްކޮށް އަންދާލާފައި ވާއިރު، އޭގެ ތެރެއިން އަލުން އިމާރާތް ކޮށްފައި ވަނީ އެންމެ ކޯޓެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖީޑީއޭ) އިން ބުނެފިއެވެ.

މިއަދު އެ އެޑްމިނިސްޓްރޭޝަން އިން ނެރުނު ރިޕޯޓްގައި ވާގޮތުން 8 ފެބްރުއަރީގެ ހަމަނުޖެހުންތަކުގައި އަންދާލި ކޯޓް ތަކަކީ ގދ. ތިނަދޫ ކޯޓް، ސ. ހިތަދޫ ކޯޓް، ސ. މަރަދޫ ކޯޓް، ސ. ފޭދޫ ކޯޓް އަދި ސ. ހުޅުދޫ ކޯޓް ކަމަށެވެ.

އަދި ހަމައެއާއިއެކު އެދުވަހު ހިންގި ހަމަނުޖެހުންތަކުގައި ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓްގެ އިތުރުން ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް އަދި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގައިވެސް އަލިފާން ރޯކޮށްލާފައިވާ ކަމަށް އެރިޕޯޓްގައި ވެއެވެ.

އޭގެތެރެއިން ތިނަދޫ ކޯޓް އަލުން އިމާރާތް ކޮށްފައި ވާއިރު، ގެއްލުން ދީފައިވާ އެހެނިހެން ކޯޓްތަކުގެ ތެރެއިން ޏ. ފުވައްމުލަކު ކޯޓާއި ގދ. ރަތަފަންދޫ ކޯޓްގެ އިތުރުން ސ. މަރަދޫފޭދޫ ކޯޓް މަރާމާތް ކުރުމަށްފަހު އަލުން ބޭނުން ކުރަމުން ދާކަމަށްވެސް ޑީޖޭއޭ އިން ބުނެއެވެ.

ކުރީގެ ރަށު އޮފީސް ހިންގި އިމާރާތުގައި މިހާރު ސ. ހިތަދޫ ކޯޓް ހިންގަމުންދާ ކަމަށާއި ސ. މަރަދޫ ކޯޓްގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ މަރަދޫފޭދޫ ކޯޓްގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން ސ. ފޭދޫ ކޯޓް ހިްނގަމުން ދަނީ އަމިއްލަ ފަރާތެއްގެ އިމާރާތް ކުއްޔަށް ހިފައިގެން ކަމަށާއި ހުޅުދޫ ކޯޓްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ޑިޓޮކްސް ސެންޓަރުގައި ކަމަށް ޑީޖީއޭ އިން ބުނެއެވެ.

8 ފެބްރުއަރީ ގައި ދެވުނު ހަމަލާތަކުގެ ސަބަބުން ރާއްޖޭގެ ޝަރުޢީ ދާއިރާގެ އުމްރާނީ ތަރައްޤީ ވަނީ އެތައް އަހަރެއް ފަހަތަށް ޖައްސާލާފައި ކަމަށް ޑީޖީއޭ އިން ބުނެއެވެ. އަދި އެފަދަ ކަމެއް މުސްތަޤުބަލުގައި ތަކުރާރު ވިޔަނުދިނުމަށްވެސް ޑީޖީއޭ އިން އިލްތިމާސް ކުރެއެވެ.