Last Updated: July 27, 18:03
Tuesday, July 28, 2026
ރިޕޯޓް

ނޫރުލް އިސްލާމާއި އެޗްއާރްއެޗުން ލޭގެ ކެމްޕޭނެއް ފަށައިފި

ނޫރުލް އިސްލާމް ޖަމިއްޔާ އާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނެއް ފަށައިފިއެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން އައްޑޫގައި ތިއްބަވާ ލޭ ހަދިޔާކުރާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.

ނޫރުލް އިސްލާމް ޖަމިއްޔާގެ ރައީސް ޝެއިޚް މުހައްމަދު އަނިލް ވިދާޅުވީ ލޭ ހަދިޔާކުރުމަށް ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް ވެބްސައިޓެއް ޤާއިމްކޮށްފައިވާ ކަމަށާއި، ލޭ ހަދިޔާ ކުރުމަށް ހިތްވަރު ދިނުމަށް އެ ޖަމިއްޔާގެ ފަރާތުން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވާ ކަމަށެވެ.

ނޫރުލް އިސްލާމާއި ހޮސްޕިޓަލް ގުޅިގެން ކުރިއަށް
ގެންދާ ލޭ ހަދިޔާކުރުމުގެ ކެމްޕެއިންގައި ނޫރުލް އިސްލާމްގެ ބައެއް މެންބަރުން ލޭ ހަދިޔާ ކުރަނީ.

" ލޭ ހަދިޔާ ކުރުމަށް ބޭނުން ފަރާތްތަކުން މިހާރު ވެބްސައިޓް(www.addudonors.com) އިން ރަޖިސްޓަރ ކުރެވޭނެ. މީގެ އިތުރަށް އައްޑޫގައި ހުރި މުއައްސަސާތަކަށް ގޮސް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ހިންގަން ވަނީ ހަމަޖެހިފައި. އަންނަ މަހުގެ ތެރޭގައި ރޯޑް ޝޯވ އެއް ވެސް އިރާދަކުރެއްވިއްޔާ ބާއްވާނަން."، ޝެއިޚް އަނީލް ވިދާޅުވިއެވެ.

ހިތަދޫ ހޮސްޕިޓަލުގައި ބްލަޑް ބޭންކެއް ޤާއިމްކޮށްފައި ވީ ނަމަވެސް ލޭ ހަދިޔާ ކުރުމުގެ ދަފްތަރެއް ނެތުމުގެ ސަބަބުން ލޭ ހޯދުމަށް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އަމާޒަކީ، މި ކެމްޕެއިންގެ ތެރެއިން 500 އެއްހާ ބްލަޑް ޑޯނަރުން ރަޖިސްޓާ ކުރުން ކަމަށެވެ.