"ރަންގޫން" އިން ފެނިގެންދާ މަޝްހޫރު އެކްޓަރު ޝާހިދް ކަޕޫރް އާއި އަންހެނުން މީރާ ރާޖްޕުތުގެ ދަރިފުޅު މީޝާ ގެ އެންމެ ފުރަތަމަ ފޮޓޯ ޝާހިދް އާންމު ކޮށްފިއެވެ.
މީޝާގެ މޫނު ފެންނަ ފޮޓޯއެއް މީގެ ކުރިން އާންމު ކޮށްފައި ނުވާއިރު، ތުއްތު މީޝާގެ އެންމެ ފުރަތަމަ ފޮޓޯ ޝާހިދް އޭނާގެ ފޭނުންނާއި ހިއްސާ ކޮށްފައި ވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.
ޝާހިދް ޕޯސްޓް ކުރި ފޮޓޯގައި ފެންނަނީ އޭނާގެ އަންހެނުން މީރާ ތުއްތު ތުއްތު މީރާއަށް ބޮސްދޭ މަންޒަރެވެ. އެފޮޓޯގެ ކެޕްޝަން އެއްގެ ގޮތުގައި ޝާހިދް ލިޔެފައިފައި ވަނީ "ހެލޯ ވޯލްޑް" އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު މީޝާ އުފަންވުމަށްފަހު ޝާހިދްގެ ފޭނުން ދިޔައީ މީޝާގެ ފޮޓޯއަކަށް އެދިގެން އިންތިޒާރު ކޮށްގެންނެވެ. ބޭރުތެރެއިންނާއި އެއާޕޯޓް އިންވެސް މީޝާ ގޮވައިގެން ދާއިރު ޝާހިދް ދަނީ ތުއްތު މީޝާ ގައިގައި ރަޖާ ލައިގެން ފޮރުވައިގެންނެވެ.
މީޝާގެ ފޮޓޯއެއް ދައްކާލާނީ ކޮން އިރަކުންތޯ ޝާހިދް ގާތު ދާދި ފަހުން ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ ވަރަށް އަވަހަށް އެކަން ކުރާނެ ކަމަށެވެ. މީޝާގެ ފޮޓޯ ޕޯސްޓް ކުރަން އޭނާ ބޭނުން ވަނީ ވަރަށް ޚާއްސަ ދުވަހެއްގައި ކަމަށްވެސް ޝާހިދް ބުނެފައި ވެއެވެ.