ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިނގިރޭސި ވިލާތުގެ ލަންޑަން އަށް ވަޑައިގެން، އެތަނުގައި ދިރިއުޅުއްވާ ދިވެހި ސިޔާސީ ފަރާތްތަކާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވައިފިއެވެ.
އެގޮތުން އެބައްދަލުވުމުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ބެހޭގޮތުންނާއި ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ވަރަށް ބިނާކުރަނިވި ޥަހަކަތަކެއް ދެކެވުނު ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ބައްދަލު ކުރައްވާފައިވާ ސިޔާސީ ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑާރު ކަމަށްވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު، ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު، އަމީން އިބްރާހިމް އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރު ސޮބާހު ރަޝީދު ހިމެނިވަޑައިގަންނަވައެވެ.
އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަމަށްވާ އަލީ ވަހީދު އާއިވެސް އުމަރު ވަނީ ބައްދަލު ކުރައްވާފައެވެ.
އެދަތުރު ނިންމަވާލެއްވުމަށްފަހު އުމަރު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.
އުމަރު ވަނީ 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ. އަދި އުމަރަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ފެކްޝަނުގެ ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ލަންޑަންގައި ތިއްބެވި ސިޔާސީ އިސްވެރިންނާއި އުމަރު ބައްދަލު ކުރެއްވިއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އާއި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އެއްގެ ގޮތުގައި ހުންނަން ވާނީ އިދިކޮޅު ހުރިހާ ފަރާތްތަކުން ސަޕޯޓް ކުރާ ކެންޑިޑޭޓެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިފަހުން އުމަރު އަންނަނީ މިސަރުކާރުގެ އެކިއެކި ސިޔާސަތު ތަކަށް ފާޅުގައި ފާޑު ވިދާޅުވަމުންނެވެ.