އައްޑޫއަށް ކަންކަން ނުކޮށްދޭކަމަށް ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި، އައްޑޫ އަކީ ސަރުކާރާއި ގާތް ގުޅުމެއް އުފެދިފައިވާ ތަނެއްކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
"2018 އައްޑޫ ޔަގީން"ގެ ނަމުގައި އިއްޔެ މެންދުރު ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބައެއް ފަރާތްތަކުން އައްޑޫއަށް ކަންކަން ނުކޮށްދެއްވައޭ ކިޔައިގެން ވާހަކަ ދައްކާކަމަށާއި ނަމަވެސް އެކަމުގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ.
އައްޑޫއަށް މި ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަމުގެ ގޮތުން ރައީސް ފާހަގަ ކުރެއްވީ އައްޑޫގެ ރަށްތަކުގައި ހަދާފައިވާ ފުޓްސަލް ދަނޑުތަކެވެ.
"އައްޑޫ ސިޓީއަށް ވަަރަށް ގިނަ ކަންތައް އެބަ ކުރެވޭ. ކުރެވޭއިރުވެސް އަޅުގަނޑުމެން ގަބޫލުކުރަން ވާނެ ފުޓްސެލް ދަނޑުއަޅަން ބިން ކަނޑައިދޭން ބުނީމަވެސް ކައުންސިލަރުން ބިންކަނޑައި ނުދޭކަމަށް ވަނީނަމަ އެކަންކަން ކުުރުމަށް ލަސްތަކެއް ވާނެކަން"
އަދި އައްޑޫއަކީ މަސްވެރި އަތޮޅެއް ކަމަށް ވެފައި މިއަތޮޅުގައި ސަރުކާރުން ހަދަން ފަށާފައިވާ މަސް ފެކްޓަރީ އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ހުޅުވިގެން ދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން އައްޑޫގެ ޒުވާނުންގެ ތެރެއިން އަލަށް ދިރިއުޅުން ފަށައިގަންނަން ބޭނުންވާ ޒުވާނުންނަށް ގެދޮރުގެ ދަތިކަން ހުރިކަން އިހްސާސް ކުރެވޭ ކަމަށާއި އެކަންކަމަށް ހައްލެއް ގެނެސް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އައްޑޫއަށް ކޮށްދެއްވަމުން ގެންދަވާ ކަންކަމުގެ ތެރެއިން ފާހަގަކުރެއްވި ފުޓްސަލް ދަނޑުތަކުގެ ކޮލެޓީ ދަށްކަމުގެ ޝަކުވާ ޒުވާނުން އަބަދުމެ ގެންދަނީ ކުރަމުންނެވެ. އަދި ހުޅުމީދޫ ބަނދަރު ސަރަހައްދުގައި ސަރުކާރުން އަޅަން ފެށި މަސް ފެކްޓަރީގެ މަސައްކަތް ވަނީ ހުއްޓިފައެވެ.