Last Updated: June 27, 17:04
Saturday, June 27, 2026
ރިޕޯޓް

ބުނަންތަ ފޭދުއަކީ މުޅި އައްޑުއެއް ނޫން!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ވަރަށް ގިނަ ބަޔެއްގެ ދުލުގެ ކޮޅުގައި އައްޑޫގެ ތަރައްގީގެ ވާހަކަ ދެކެވެމުންދާއިރު ފާހަގަކޮށްލެވޭ ދެތިން ކަމެއް ލިޔަމެވެ.

އައްޑޫ އަކީ ދިވެހި ތާރީޚުގައި ޒަމާނުއްސުރެ މައި ސަރުކާރުން ބާކީ ކޮށްލެވިފައި އޮތް ތަނެކެވެ. ބުނެވޭގޮތުގައި ސަބަބަކަށް ވެފައިވަނީ އައްޑޫ ރައްޔިތުންނަކީ އެވެރިންގެ ކިޔާ އެއްޗަކަށް ސަނާ ކިޔައި ލަވަ ބާޒީ ކިޔާ މީހުންނަށް ނުވުމެވެ. މީގެ އެތައް ޒަމާނުއްސުރެ ކުރިން އުފެދުނު އާދަ މިއަދާއި ހަމައަށްވެސް ފިލާފައިނުވާ ކަމުގެ ހެކި މިއަތޮޅުގެ އެކި ހިސާބުތަކުން ފެނެއެވެ.

ރައީސްގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި އައްޑޫއަށް ތަރައްގީގެ އިންގިލާބެއް ގެންނާނެ އަހަރެއް ކަމަށް ބުނާތީ އަޑު އިވެއެވެ. އެގޮތުން ފޭދޫ އަށް 100 ހައުސިން ޔުނިޓް ތަރައްގީ ކުރާނެ ވާހަކައާއި މަސް ފެކްޓްރީއަކާއި އައްޑޫ ރައްޔިތުންގެ ނުރުހުމުގައި އީސީސީގައި ޓާޝިއަރީ ހޮސްޕިޓަލް ބިނާ ކުރުމުގެ ވާހަކަ މި އިންގިލާބުގެ ތެރޭގައި ދެކެވިފައިވެއެވެ.

ނަމަވެސް އެއްވެސް ފަރާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ލޮލުގެ ޑޮކްޓަރެއް ނެތް ވާހަކަ ދައްކަން ހަނދާނެއް ނެތެވެ. އަދި އައްޑޫގައި އެކްސިޑެންޓު މަދުކުރުމަށް ބްރޭކަރުތައް ދެވަނަ ފަހަރަށް އެޅުމުންވެސް އެކްސިޑެންޓު މަދުވެފައިނުވާއިރު ސަރުކާރުން އެމައްސަލަ ހައްލުކުރުމަށް އަޅާނެ ފިޔަވަޅެއްގެ ވާހަކަ ނުދައްކައެވެ. މަރަދޫ އަދި މަރަދޫފޭދޫގެ ތަރައްޤީގެ ވާހަކައެއް ނުދައްކައެވެ. މަރަދޫ ފޭދޫ ޒުވާނުން ކުޅޭނެ ދަނޑެއް ނެތިގެން އެތައް ފަހަރަކު ސަރުކާރަށް އާދޭސް ކޮށްފިއެވެ. ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކޮށް އެމީހުން ބޭނުންވާ ކަންކަމުގެ ވާހަކަ ކިޔައިދީފިއެވެ.

މީގެ ކުރިން މި އައްޑޫއަށް ކުރަން ބުނެ، މިއަދާއި ހަމައަށްވެސް އަމަލީ މަސައްކަތް ނުފެށިވާ ކަންތައްތަކުގެ ވާހަކަ މިސަރުކާރުގެ ވެރިންގެ ހަނދާނުގައި ނެތެވެ. އައިޓީ ޕާކުގެ ވާހަކަ ހުއްޓާލައިފިއެވެ. އިސްމެހެލާ ހެރެ ބިޑަށް ލެވި ކޮންޓްރެކްޓާއި ހަމައަށް ގެނެވޭނެ ދުވަހެއް ނުބުނެއެވެ. އެވާހަކަވެސް "ޠޮބީޢީ" ކަމަކަށް ވެއްޖެއެވެ.

ބެޑް ކެޕޭސިޓީ 5000 އަށް އިތުރު ކުރަން ދެކެވުނު ވާހަކަވެސް ފުލޯކުވެ ނިމި ހިނގައްޖެއެވެ. ހިތަދޫގެ ޖިމް ހުޅުވަން ތަކެތި ގެނެއުމަށްފަހު އެކަން ހުއްޓާލައިފިއެވެ. ދެން ދައްކަން އޮތީ އިތުރު ކޮން ވާހަކައެއް ތޯއެވެ؟

އައްޑޫގެ ތަރައްގީގެ ވާހަކަ ދައްކާއިރު މިސަރުކާރަށް ހަމައެކަނި ފޭދޫ ތަސައްވަރު ކުރެވެންޖެހޭ ސަބަބެއް އޮންނާނެއެވެ. ފަހަރުގައި އެއީ ފޭދޫ ކެންޑިޑޭޓަކު ރައްޔިތުންގެ މަޖިލީހުގެ އެދާއިރާ ތަމްސީލުކުރުމަށް ހޮވުމުން ކަމަށް ވެދާނެއެވެ. ނަމަވެސް ހުޅުދޫ ދާއިރާގެ މެމްބަރަކީވެސް ޕީޕީއެމްގެ މެމްބަރެކެވެ. އެހެންނަމަވެސް ހުޅުދޫއަށް ފޭދޫ އާއި އެއް ހަމައަކުން މިސަރުކާރަށް ނުބެލޭނަމަ އެއީވެސް ސަބަބެއް ކަމުގައި ބެލެވޭކަށެއް ނެތެވެ.

ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތަކީ އޭރުވެސް މިހާރުވެސް އައްޑޫ ރައްޔިތުން އެންމެ ބޭނުންވާ ކަމެވެ. އެކަމަކަށް އަދިވެސް އަލި މަގެއް މިސަރުކާރުން ނުދައްކައެވެ.

އައްޑޫގެ ވަކިން އޮންނަ ހުޅުދޫ މީދޫގެ ތެރެއިން ހުޅުދޫގައި ސަރުކާރުން މަޝްރުއުތަކެއް ފަށާފައިވި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް އައްޑޫން އެންމެ ގިނަ ވޯޓު ދިން މީދޫ ރައްޔިތުން މިވަނީ ބިކަކޮށްލާފައެވެ. އިދާރީ ހިންގުންވެސް ރަށުން ވަކިކޮށް އަވައްޓެރި ހުޅުދޫއަށް ވަނީ ބަދަލުކޮށްފައެވެ. ރަށުގެ ރައްޔިތުން ބުނާ ގޮތުން އެރަށުގެ ނަންވެސް މި ސަރުކާރުން ގެއްލުވާލައިފިއެވެ.

ފޭދޫއަކީވެސް އައްޑޫ ސިޓީގެ އަވަށެކެވެ. ފޭދޫއަށް ލިބޭ ކުރިއެރުމަކީ އައްޑޫ ދަރިންނަށް ލިބިދޭ ހިތްހަމަޖެހުމެވެ. ނަމަވެސް ފޭދޫގައި ކުރާ އެންމެ ކަމަކުން އެއީ މުޅި އައްޑޫއަށް ކޮށްދެވޭ ކަމެއްކަމަށް ސަރުކާރުން ދައްކާނަމަ ގޯހެވެ. އައްޑޫއަކީ ފޭދޫ ހިމެނޭ ގޮތަށް ދެން ތިބި ރަށްތަކެވެ.

ކޮންމެ ސަރުކާރަކުން ކުރިޔަސް، ތަރައްގީގެ މަސައްކަތަކީ ވެށީގެ ދަރިން ހެޔޮހިތުން ބަލައިގަންނަން ޖެހޭ ކަމެކެވެ. އެހެންނަމަވެސް މިސަރުކާރުގެ އިސްވެރިންނަށް މިއައްޑޫ ސިޓީގައި އޮތީ ހަމައެކަނި ފޭދޫ ނޫން ކަން އެނގެންޖެހެއެވެ. އާބާދީގެ ގޮތުން ބެލިއަސް އަދި އެހެނިހެން ކަންކަމަށް ބެލިއަސް މި ސިޓީގެ ކޮންމެ ރަށަކީ ތަފާތު ރަށެކެވެ. ވަކިވަކިން ތަރައްޤީ ބޭނުން ރައްޔިތުން ތިބި ތަނެކެވެ.

ރައީސް ޔާމީނުގެ މިދައުރުގެ ފަހު އަހަރަށް ކުރިމަތިލާއިރު އައްޑޫގެ ރަށް ތަކަށް ކޮށްދޭން ވައުދުވެ، ނުކޮށްދެވިފައިވާ ކަންތަކަށް އެމަނިކުފާނަށް ހަނދުމަށް ކޮށްދިނުމަށްފަހު ރައްޔިތުން އަތް ޖަހައި ސަނާ ކިޔުން މާ އައުލާކަން ބޮޑެވެ.