ޕީޕީއެމްއަށް އަލަށް 700 މީހުން އައްޑޫން ގުޅިފައިވާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް "މަޖްބޫރު" ކޮށްގެން ފުރުވާފައިވާ ފޯމުކަން އެނގިއްޖެއެވެ.
"އައްޑޫލައިވް" އާއި ވާހަކަދެއްކި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފަކު ބުނީ އެކުންފުނީގެ ހިތަދޫ އަދި އާރްއޭފްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެތަނުގެ އިސްވެރިޔާ ބައްދަލުކޮށް ޕީޕީއެމް ފޯމުގައި ސޮއި ކުރުމަށް އަމުރުކޮށް، ސޮއި ނުކޮށްފި ނަމަ ވަޒީފާއިން ވަކިކޮށްލާނެ ކަމުގެ އިންޒާރު ދިންކަމަށެވެ. އެ އިންޒާރާއި ގުޅިގެން މަޖްބޫރުވެގެން ގިނަ މުވައްޒަފުން ޕީޕީއެމްއަށް ސޮއި ކުރިކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ އެހެން މުވައްޒަފަކު ބުނީ އެތަނުގެ އެންމެ އިސް ދެ ވެރިން އެތަނުގެ މުވައްޒަފުން ޕީޕީއެމްއަށް ވެއްދުމަށް ފޯމު ފުރުވިއިރު މާލެއިން ވެރިއަކު ޗުއްޓީ ދަތުރެއްގައި އައިސް ދެން ތިބި މުވައްޒަފުންގެ ސޮއި ހޯދައިގެން ގޮސްފައިވާ ކަމަށެވެ.

"ބައެއް މުވައްޒަފުން ދެ ފަހަރު ފޯމު ފުރި، ފުރަތަމަ މާލެއިން ޗުއްޓީއަށް އައިސް ހުރި ވެރިޔާ ބުނެގެން، އެފޯމު ފުރާފައިވަނިކޮށް އައްޑޫ ވެރިމީހާއަށް އަށް އެގުނީ ފޯމު ފުރުވަން ޖެހޭކަން، ދެން މުވައްޒަފުން އެއްކޮށްފައި ބުނީ ކުރިން ފޯމު ފުރާފައި އޮތަސް ތިމަންނަ މިދޭ ފޯމު ފުރަން ޖެހޭނެކަމަށް، ވަރަށް ޕްރެޝަރުގައި ވެރިން ތިބީ"
އައްޑޫގެ ބައެއް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބުނީ، ފޯމުތައް އަތަށް ދިނުމަށް ފަހު ސޮއި ކުރުން ނޫނީ "އެހެން ގޮތެއް" ހޯދަން އެންގިކަމަށެވެ.
"ބައެއް މުވައްޒަފުން ބުނި ތިމަންނާމެން ބޭނުމެއް ނޫނޭ އެއްވެސް ސިޔާސީ ޕާޓީއަކަށް ސޮއި ކުރާކަށް، އެހެން ބުނީމާ ފޯމު ފުރުވުމުގައި އިސްކޮށް ތިބޭ އެކްޓިވިސްޓުން މި ބުނަނީ އެހެންވެއްޖިޔާ، ތި ވަޒީފާއަކު ނުހުންނާނެ. ވަރަށް މަޖްބޫރުން ގިނަ މީހުން ސޮއި ހޯދީ"
"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ފެނަކަ އައްޑޫ އޮފީސް ތަކާއި އަދިވެސް އެހެން ގިނަ އޮފީސް ތަކުން ވަނީ ފޯމު ފުރުވާފައެވެ.

"ބައެއް މުވައްޒަފުން ސޮއި ކުރީ ގޮތް ހުސްވެގެން، އިންތިހާއަށް މަޖްބޫރުކޮށްގެން، ބައެއް މީހުން އެމީހުންގެ އަނބިދަރިންވެސް ޕާޓީއަށް ފޯމު ފުރުވި ވަޒީފާއަށް ޓަކައި"
އައްޑޫން 700 މީހުންގެ ފޯމު ރައީސް އަބްދުﷲ ޔާމީންއަށް އެރުވި އިރު އައްޑޫގައި ޕީޕީއެމް ފުޅާވަމުން އަންނަކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި އެޕާޓީން ގެންދަނީ އެއްލައްކަ މެމްބަރުން ހަމަކުރުމަށް މަސައްކަތް ފަށާފައެވެ.