Last Updated: June 25, 23:09
Thursday, June 25, 2026
ރިޕޯޓް

ނަފުސުތަކުގެ އެދުންތަކަށް ތަބާވެ ރަހިމުގެ ގުޅުން ކަނޑާނުލާށެވެ.

އެއްދުވަހަކު ރަށެއްގެމީހުން ބޯން ބޭނުންކުރާ ފެންވަޅުން ފެން ބަލާގޮސް ވަޅަށް ފެންނަގާ ބާލިދީ ވެޓުމަށްފަހު މައްޗަށްނެގިއިރު ވަލުގެ ކޮޅުގައި އައްސާފައިއޮތް ބާލިދީއެއް ނެތެވެ.

ވަލުގައި އެހެން ބާލިދީއެއް އެއްސުމަށްފަހު ދެވަނަފަހަރަށް ވަޅަށް ވެއްޓުމަށްފަހު ނެގިއިރުވެސް އެބާލިދީވެސް ނެތެވެ. އެތައްފަހަރު މިގޮތަށް ތަކުރާރުވުމުން އެންމެން ހައިރާންވެ ކަންބޮޑުވެއްޖެއެވެ. ވަޅުތެރޭގައި ޖިންނިއެއް އުޅޭކަމަށް ބައެއްމީހުން ބުނަން ފެށިއެވެ. ތަފާތު ގޮތްގޮތަށް ވާހަކަދެކެވި މީހުންތައް ސިހިއްޖެއެވެ.

ވަޅަށް މީހަކު ފައިބައިގެން ނަމަވެސް ވެގެންއުޅޭ ގޮތެއް ބަލަންވެއްޖެ ނޫންހެއްޔެވެ. އުމުރުން ހަނގު މީހަކު އޭނަގެ ޚިޔާލު ހުށަހެޅިއެވެ. މިރައުޔުއަށް އެންމެންވެސް ތާއީދު ކުރިއެވެ. އެކަމަކު މިކަންކުރާނެ މީހަކު ކުރިއަކަށް ނުނިކުތެވެ. ކޮންމެއަކަސް މީސްތަކުން މިގޮތަށް ސައްލާކުރަމުން ދަނިކޮށް އެރަށުގެ ޒުވާނަކު ވަޅަށް ފޭބުމަށް އެއްބަސްވެއްޖެއެވެ.

އެކަމަކު ޝަރުތަކާއެކުއެވެ. އެޝަރުތަކީ އޭނަ ވަޅަށް ފައިބާހިނދު މަތީގައި، ވަލުގައި ހިފާމީހުންގެ ތެރޭގައި އޭނައާއި އެބަޑުއެއްބަފާ ބޭބެ ހިމެނުމެވެ. މީސްތަކުން މިކަމަށް އެއްބަސްވެ އެޒުވާނާގެ ބޭބެ ހޯދަން އަވަސްވެގަތެވެ. ބޭބެ ގެނަމަށްފަހު ވަލުގެ އެހީގައި ޒުވާނާ ވަޅުތެރެއަށް ފައިބައިފިއެވެ. ވަޅަކީ ވަރަށްފުން ވަޅެކެވެ. އެހެންކަމުން ވަޅުގެ އެތެރެވަރަށް އަނދިރިވެސް މެއެވެ. ޒުވާނާ ވަޅުގެ އަޑިއަށް ފައިބާ ބެލިއިރު އަޑީގައިއޮތީ ރާމާމަކުނެކެވެ.

ވަޅަށް ބާލިދީ ފެއްތުމުން ވާބުރިކުރަނީ މަކުނުކަން ޒުވާނާއަށް ކަށަވަރުވެއްޖެއެވެ. ދެން މަކުނުގެ ބޮލުގައި ހިފާއޭތި ނަގައިފިއެވެ. އަދި މަތީގައި ތިބިމީހުންގެ ކިބައިން މައްޗަށްނެގުމަށް އެދުނެވެ. މަތީގައިތިބި މީހުން އަންބާކިޔާފައި ވަލަށް ދަމަން ފަށައިފިއެވެ. ދަމަމުން އައިސް މައްޗަށް އެރެން ކާރިވުމުން ވަލުގައިތިބި މީހުން ވަޅުތެރެއަށް ބަލާލިއިރު އެމީހުންނަށް ފުރަތަމަ ފެނުނީ ރާމާމަކުނެވެ.

މިވަޅަކީ ޖިންނިއުޅޭ ވަޅެއްކަމަށް ވާހަކަ ދެކެވިފައިވުމުން މަތީގައި ވަލުގައި ހިފައިގެން ތިބިމީހުން ހީކުރީ އެއީ ޖިންނިއެއް ކަމަށެވެ. މިހެންހީކޮށް ގަންނާކުރެއްވި ބިިރުން ޒުވާނާގެ އެއްބަޑު ބޭބެފިޔަވައި އެންމެން ވާދޫކޮށް ދުއްވައިގަތެވެ. ބޭބެގެ ހިތުގައި އެއްބަޑު އެއްބަފާ ކޮއްކޮއަށްޓަކައި ﷲ ލައްވާފައިވާ ކުލުނު، މަވައްދާ، އަދި ލޯބީގެ ސަބަބުން ވަލުގައި ހިފަހައްޓާއިގެން ހުރީއެވެ. އަދި ބޭބެގެއެހީއާއެކު މައްޗަށް އެރިއެވެ.

ބޭބެ ދުވެދިޔަ ނަމަ ކޮއްކޮ ވަޅުތެރެއަށް ވެއްޓި މަރުވީކަން ކަށަވަރެވެ. ކޮއްކޮގެ ފުރާނަސަލާމަތްވީ ބޭބެގެ ސަބަބުންކަން ކަށަވަރެވެ. މައިންބަފައިން ފިޔަވައި އެމީހަކަށް އެންމެހެޔޮ އެދޭނެބަޔަކީ ތިމާގެ އަޚުންނާއި އުޚުތުންކަމީ ހަގީގަތެވެ. ﷲ ވަޙީކުރައްވަނީ : قال سَنشٌدُّ عَضُدكَ بأخِيك . މާނައީ " ކަލޭގެފާނުގެއަޚު ފޮނުއްވުމުން ކަލޭގެފާނުގެ މުލައްދަޑިފުޅަށް ތިމަންއިލާހު ގަދަކަން ދެއްވާހުށީމެވެ.