ޕީޕީއެމްގެ މަޖިލިސް މެމްބަރުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މަހުލޫފު އެންމެ ފަހަކަށް ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނުގެ މޫނުފުޅުން ފެންނަމުންދަނީ ނުތަނަވަސްކަމާއި މާޔޫސްކަމުގެ ކުލަވަރުކަމަށެވެ. އަދި '21 ވަނަ ގަރުނުގެ ގަޓުހުރި ރައީސް' އަށް މިއަހަރުވެސް މަޖިލިސް ތަޅުމުގައި ރިޔާސީ ބަޔާން އިއްވަން ނުކެރުނު ކަމަށް ބުނެ މަހުލޫފް ވަނީ ދަރުބާރުގޭގައި ބޭއްވި ރިޔާސީ ބަޔާނަށް ފާޑުކިޔާފައެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް އަމާޒުކޮށް މަހުލޫފު ބުނެފައިވަނީ މެމްބަރުންނަކީ ރައީސް ޔާމީންގެ ޒާތީ މަސްލަހަތަށް ގާނޫނު ހަދައި، ގާނޫނު ބަދަލުކުރުމަށް ބަހައްޓާފައި ތިބި ބައެއް ކަމަށާއި އެމެމްބަރުން ތިބީ ބިރުވެތިކަމެއްގެ ތެރޭގައި ފިތިފައިކަމަށް ބުނެ މަހުލޫފް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔާފައެވެ.
މިގޮތަށް ފާސްކުރި ބިލްތަކުގެ ތެރޭގައި އަބުރު ރައްކާތެރިކުރުމުގެ ބިލު ގާނޫނު އަސާސީއިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާއިރު އެކަމާއި ބެހޭގޮތުން ރިޔާސީ ބަޔާނުގައި އަލިއަޅުވާފައިނުވާތީވެސް މަހުލޫފްގެ ފާޑުކިޔުންތައް ރައީސް ޔާމީނަށް އަމާޒުވެފައިވެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި އުފުލެމުންދާ ފެނާއި ކަރަންޓު އަދި މުދަލުގެ އަގުތަކާއި ދައުލަތުގެ ރިސާވް 50 މިލިއަނަށް ދައްވެފައިވުމުގެ ސަބަބުން ސަރުކާރުގެ މުވައްޒިފުންނަށް މުސާރަވެސް ނުދެވޭ ކަމަށް މަހުލޫފް ބުނެފައިވެއެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ މުސާރަ ދިނުމުގައި ދަތިތަކެއް ކުރިމަތިވީ ނިޒާމަށް އައި ބަދަލެއްގެ ސަބަބުން ކަމަށެވެ.
މަހުލޫފުގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީނުގެ ރިޔާސީ ބަޔާނަށް ފާޑުކިޔާފައެވެ.