"އައްޑޫ އަކީ މާލެފިޔަވައި ރާއްޖޭގެ އެންމެ ތަރައްޤީވެފައިވާ ސަރަޙައްދެވެ. އައްޑޫގައި ރާއްޖޭގެ ވެރިކަން ނުކުރާހާކަމެވެ. ސަރުކާރުން މިހާރު ގެންދަނީ އައްޑޫގައި ވަރަށް ގިނަ ކަންތައް ތަކެއް ކުރަމުންނެވެ.އައްޑޫއަށް ކަންތައް ނުކޮށްދޭ ވާހަކަ އަކީ ދޮގެކެވެ."
މިއީ، އައްޑޫ ސިޓީ އާއި ގުޅިގެން ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ދިިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ދޭން ބޭނުންވާ މެސެޖެވެ. އަދި އައްޑޫގައި ދިރިއުޅޭ މީހުންނަށް ވެސް ސަރުކާރުން ދޭން ބޭނުންވާ މެސެޖަކީ މިއީއެވެ.
ރާއްޖޭގެ ބައެއް ރަށްރަށާއި ސަރަޙައްދުތަކާއި އަޅާ ބަލާއިރު ނިސްބަތުން އައްޑޫގައި ހުރި ވަޞީލަތްތައް ފުރިހަމަކަމުގައި ޤަބޫލުކުރަންޖެހެއެވެ. އެހެނަސް ސަރުކާރުގެ ވެރިންނާއި ސަރުކާރަށް ސަނާ ކިޔާ ބައެއް ފަރާތްތަކުން ސަޅި ބައިސާ ކަނޑަމުން ގެންދާ ވަރަށް މި ސަރުކާރުން އައްޑޫގައި ހުރި މައްސަލަތައް ހައްލުކޮށް ދެވިއްޖެ ހެއްޔެވެ؟
ދިވެހިރާއްޖޭގެ މިނިވަންކަމަށް 51 އަހަރު ފުރިގެން ގޮސްފައިވާއިރު، އައްޑޫ އަކީ ޒަމާނުއްސުރެ މައި ސަރުކާރުން ބާކީ ކޮށްލެވިފައި އޮތް ތަނެކެވެ. އޭގެ ސަބަބެއް ކަމުގައި ވެފައި ވަނީ، އައްޑޫ ރައްޔިތުންނަކީ މައި ސަރުކާރުން ކިޔާ އެއްޗަކަށް ސަނާ ކިޔައި ލަވަ ބާޒީ ކިޔާ މީހުންނަށް ނުވުމެވެ. ޒަމާންތަކެއް ކުރިން އުފެދުނު މި އާދަ މިއަދާއި ޖެހެން ދެން ވެސް އޮތީ ހަމަ މިގޮތުގައެވެ.
2017 ވަނަ އަހަރު މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްވި ރިޔާސީ ބަޔާނާއި ގުޅިގެން އައްޑޫ ރައްޔިތުން ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކުރަން ފެށީ އެހެން ވެގެންނެވެ. އައްޑޫގައި ޓޫރިޒަމް ކުރިއަރުވާނެ ކަމަށް ބުނެ ފާއިތުވި 3 އަހަރު ދެއްކި ހުވަފެންތަކުގެ ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމަނާފައި ނުވުމުންނެވެ.
100 އެނދުގެ ހޮސްޕިޓަލްގެ ނޭޅި އެންމެ ފަހުން ސާކް ސަމިޓަށް އެޅި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށި ދުވަހު، ސަރުކާރުގެ ވެރިން ވިދާޅުވީ، 2017 ވަނަ އަހަރު ހޮސްޕިޓަލް ހުޅުވާނެ ކަމަށެވެ. އެހެން ނަމަވެސް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ހޮސްޕިޓަލް ހުޅުވޭނީ 2018 ވަނަ އަހަރު ކަމަށެވެ.
ރިޔާސީ ބަޔާނަށް ފަހު އައްޑޫ ރައްޔިތުންގެ ނުރުހުން އަމާޒު ވެފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަ އަކީ، "އައްޑޫގައި ކަންތައް ނުކުރެވޭ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް" ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ލޮލުގެ ޑޮކްޓަރެއް ނެތް ވާހަކަ ދެއްކުމުން އެއީ ދޮގެއް ހެއްޔެވެ؟ އައްޑޫގެ މަގުތަކުގައި ހިނގާ އެކްސިޑެންޓު ތައް މަދު ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ ވުޒާރާތަކުން ނުކުޅެދިފައިވާ ވާހަކަ އަކީ ދޮގެއް ނޫނެވެ.
ތާރު އަޅައިގެން ހަދާފައި ހުރި މަގުތަކުގައި ވަޅުގަނޑުތައް ހެދި، އެ މަގުތަކުން ދުއްވާ މީހުންނަށް ދިމާވާ ދަތިތަކުގެ ވާހަކަ ދެއްކުމަކީ އެއްވެސް ހާލެއްގައި ދޮގު ހެދުމެއް ނޫނެވެ. އައްޑޫގެ ވެލި މަގުތަކުގެ ޙާލަތު ވަޒަން ކުރެވޭނީ ހަމައެކަނި އެމަގުތަކުން ދަތުރުކުރާ މީހުންނަށެވެ. ބައެއް ފަހަރު ފަރުބަދަމަތިން ދަތުރުކުރާކަމުގެ އިޙުސާސެވެ. މަގުތަކުގެ އަޑިގުޑަންކަމާއިއެކު ވާރޭ ވެހިއްޖެނަމަ ދެން ދުއްވާ އެއްޗަކަށް ހިނގާ ބިނގާވެ އުޅޭމީހަކަށްވެސް ސަލާމަތެއްނެތެވެ.
ކޮންމެ 6 މަސް ދުވަހަކުން އެއް ފަހަރު، "އައްޑޫގެ މަގުތަކުގެ މަޝްރޫޢު" ބީލަމަށް ހުޅުވާލުން ފިޔަވައި އިތުރު ކަމެއް ސަރުކާރުން ނުކުރާ ކަމަށް ރައްޔިތުން ބުނުމަކީ، ދޮގެއް ހެއްޔެވެ؟
މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލަށް ނުކުރެވުނު ކަމަށް ބުނެ އެކަމާއި ހަވާލުވި ހައުސިން މިނިސްޓްރީ އަށް މަގުތަކުގެ ހާލަތު ރަގަޅު ކުރުމަށް އެއްވެސް ކަމެއް ނުކުރެވެއެވެ. މިއީ ދޮގެއް ނޫނެވެ. މިއީ ހާމައަށް ފެންނަން ހުރި ހަގީގަތެވެ.
އައިޓީ ޕާކުގެ ވައުދު ނުފުއްދެއެވެ. އިސްމެހެލާ ހެރަ ކޮންޓްރެކްޓަރަކާއި ހަވާލެއް ނުކުރެވުނެވެ. އައްޑޫގައި ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީ 5000 އަށް އިތުރެއް ނުކުރެވުނެވެ. ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުގައި މެޖޯރިޓީ ދިން މީދޫ ރައްޔިތުންނަށް މި ސަރުކާރުން އަޅައެއް ނުލައެވެ. ހިތަދޫ ހޮސްޕިޓަލުގެ ހާލަތު އެދަނީ އެއްދުވަހުން އަނެއް ދުވަހަށް ދަށަށެވެ. މިއީ ހައްތަހާ ދޮގު ހެއްޔެވެ؟
ރައީސް އަބްދުﷲ ޔާމީން ކިތަންމެ ގިނައިން ދޮގުކުރެއްވި ނަމަވެސް، ސަރުކާރުގެ ފަރާތުން އައްޑޫގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ނުކުރުމުގެ ނަތީޖާ އަކީ، ރައްޔިތުންގެ ނަފްރަތު ސަރުކާރަށް އަމާޒު ވުމެވެ. މިއީ ދޮގެއް ނޫނެވެ.