Last Updated: June 30, 19:07
Tuesday, June 30, 2026
ސިޔާސީ

ރައީސް ޔާމީނާއި ލަންކާގެ ފޮރިން މިނިސްޓަރު ބައްދަލުކޮށްފި

ލަންކާގެ ފޮރިން މިނިސްޓަރު ރައީސް ޔާމީން އާއި ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

އަވަށްޓެރި ސްރީލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރާ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި ބައްދަލު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ސްރީލަންކާގެ ފޮރިން މިނިސްޓަރަށް މަރުހަބާ ވިދާޅުވެފައެވެ.

އަދި އެ ބައްދަލުވުމުގައި ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދުގައި އޮންނަ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރައީސް ޔާމީން ވިދާޅުވީ ސްރީލަންކާ އަކީ ރާއްޖެއިން ވަރަށް ބޮޑު އިސްކަމެއް ދެއްވާ އަދި ރާއްޖެ އާއި ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށެވެ.

ހަމަ އެއާއިއެކު ދެޤައުމު ދެމެދުގައި އޮތް ގުޅުން ސިއްޚީ އަދި ތަޢުލީމީ ދާއިރާއިން އިތުރަށް ބަދަހިކުރެވޭނެ ކަމަށްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރާއްޖެ އިން ސްރީލަންކާ އަށް އަބަދުވެސް ދެމުން އަންނަ އެއްބާރުލުމަށްޓަކައި ސްރީލަންކާގެ ފޮރިން މިނިސްޓަރު ރައީސް ޔާމީން އަށް ޝުކުރު އަދާ ކުރެއްވިއެވެ.

އަދި ސްރީލަންކާގެ ފޮރިން މިނިސްޓަރު ވަނީ ރާއްޖޭގެ އިޤްތިޞާދް ކުރިއެރުވުމަށްޓަކައި އާއި ރާއްޖޭގެ ތަރައްޤީ އަށްޓަކައި ދިވެހި ސަރުކާރާއި ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަ ކުރައްވައި އެކަމަށް ތަޢުރީފް ކުރެއްވާފައެވެ.