ރައްޔިތުންގެ ތަނަވަސްކަމާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމްޑީޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީ ވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެ ގަތުމަށް ކަނޑާއި ވަޔާއި އެއްގަމު ދަތުރުގެ ގުޅިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން ދިވެހި އެމްޑީޕީން ތ. އަތޮޅަށާއި ލ. އަތޮޅަށް ކުރާ “މެދު ދެކުނުގެ ވަޢުދުގެ ދަތުރު” މިއަދު ފަށާ ގޮތަށް އޮތް ވައުދުގެ ދަތުރު ހަތަރު ވަނަ ފަހަރަށް ފަސްކޮށްފި އެވެ.
އެ ދަތުރު ފަސް ކުރިކަން އެމްޑީޕީން އިއްޔެ އިއުލާން ކުރި ނަމަވެސް ދަތުރު ދެން ބާއްވާނެ ތާރީހެއް އެ ޕާޓީއަކުން ނުބުނެ އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ މިއަދު ފަށަން އޮތް ދަތުރު ފަސް ކުރި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތު ކުރާ ދައުވާ އަޑު އެހުމެއް މިއަދު ވަނީ ތާވަލްކޮށްފަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ލީޑާޝިޕާއި އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރަކީ ތަފާތު ރެލީތަކާ ޚާއްސަ ޖަލްސާތަކާ މައުލޫމާތުގެ ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެއް ކަމަށް އެމްޑީޕީން ބުނެ އެވެ.
ރައްޔިތުންގެ ވިންދާއި އިޙުސާސްތައް ދެނެގަތުމަށް އެމްޑީޕީން ވަނީ މީގެ ކުރިން އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ހުރިހާ ރަށަކަށާއި ބޮޑު ތިލަދުންމަތީގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައެވެ.
އަދި ވަޢުދުގެ ހިނގުމުގެ ނަމުގައި މާލޭގެ ބައެއް ދާއިރާތަކުގައި ވެސް ޑޯޓުޑޯ ކެމްޕެއިނެއް އެމްޑީޕީން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ދަތުރުތަކުގައި އެއްކުރެވޭ މަޢުލޫމާތު މެނިފެސްޓޯ އެކުލަވާލާ އިރު ބޭނުން ކުރެވޭނޭ ކަމަށްވެސް ޕާޓީން ބުނެ އެވެ.
މި ދަތުރުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމުގެ ކަންތައް މިހާރު އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ކުރިއަށްދާ ކަމަށް އެ ޕާޓީން ބުންޏެވެ. ދަތުރުގައި ބައިވެރިވުމުގެ ފީއަކީ 500ރ. އެވެ.
"މެދު ދެކުނުގެ ވައުދުގެ" ދަތުރު އެންމެ ފުރަތަމަ ފަށަން ނިންމީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އޭގެ ފަހުން ފެބްރުއަރީ 4 އަށް ފަސްކޮށް، ފަހުން ފެބްރުއަރީ 10 އަށް ފަސް ކުރި އެވެ.