ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހިޓާޗީ ބްރޭންޑްގެ އެމްބެސެޑަރަކަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) ހަމަޖައްސައިފިއެވެ.
އެކަމަށްޓަކައި އެސްޓީއޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ދަގަނޑޭ ވަނީ ހިޓާޗީ އެމްބެސެޑާޝިޕްގެ ދަށުން ހަ މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
އެ ރަސްމިއްޔާތުގައި އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓްގެ ފަރާތުން ވާހަކަ ދައްކަވަމުން، މަޖީދު ވިދާޅުވެފައިވާ ގޮތުގައި ހިޓާޗީ ބްރޭންޑް އެމްބެސެޑަރެއް ހޮވުމުގައި ބަލާފައި ވަނީ ދިވެހި ޤައުމަށް ރީތި ނަމެއް ހޯދައިދީފައިވާ އެތުލީޓަކަށް ކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.
މަޖީދު އިތުރަށް ވިދާޅުވި ގޮތުގައި ހަ މަސްދުވަހުގެ އެ ޕްރޮމޯޝަންގެ ދަށުން ތަފާތު އެކިއެކި ކަންކަން ކުރިއަށް ދާނެ ކަމަށެވެ.
ހިޓާޗީ ބްރޭންޑްގެ އޭސީ އާއި ފްރިޖްގެ ވިޔަފާރި އަކީ ރާއްޖޭގެ ހިއްސާގެ ބާޒާރަށް ބެލިޔަސް، ބޮޑު މާކެޓް ހިއްސާއެއް އެސްޓީއޯގައި ހިމެނޭ ބްރޭންޑް އެއް ކަމަށެވެ. އަދި އޭގެ އިތުރުން ހިޓާޗީގެ ބޮޑު ސާވިސް ސެންޓަރެއްގައި އެސްޓީއޯގެ 55 ސްޓާފުން މަސައްކަތް ކުރާ ކަމަށްވެސް މަޖީދު ވިދާޅުވިއެވެ.
މަޖީދު ވިދާޅުވީ އަލަށް ފެށި ޕްރޮމޯޝަންގެ ސަބަބުން ބްރޭންޑް އިތުރަށް ކުރިއަރައިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.