Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ނަޝީދުގެ ކުށަކީ ޑިމޮކްރަސީ ކަތިލުން: ރައީސް ޔާމީން

ރައީސް މުހައްމަދު ނަޝީދުގެ ކުށަކީ ޑިމޮކްރަސީ ޗެމްޕިއަންގެ ގޮތުގައި ވަކާލާތު ކުރެއްވުމަށްފަހު ވެރިކަން ލިބިވަޑައިގަތުމުން ޑިމޮކްރަސީ ކަތިލެއްވުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ. ހުރަފާގައި ޕީޕީއެމްގެ އާ އޮފީސް ހުޅުވަން ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔަމީން ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޔާމީންގެ ވާހަކަފުޅުތައް އަމާޒު ކުރީ އިއްޔެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވުމަށެވެ. ނަޝީދު އިއްޔެ ވިދާޅުވީ "ރައްޔިތުން އެމަނިކުފާނަށް ތާއިދުކުރުމަކީ އެމަނިކުފާންގެ ކުށެއް ނޫން"ކަމަށެވެ.

މިވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ތާއީދު އޮތުމަކީ އެ މަނިކުފާނުގެ ކުށެއް ނޫން ކަމަށް ނަޝީދު ވިދާޅުވާ ވާހަކަފުޅަކީ ތެދުފުޅަކަށް ވެދާނެ ކަމަށެވެ. އެކަމަކު، އެ އަށް ވުރެ، ނަޝީދުގެ ކުށް މާ ބޮޑު ކަމަށެވެ.

އެގޮތުން ނަޝީދުގެ ވެރިކަމުގައި ޑިމޮކްރަސީ ކަމަށް ވިދާޅުވެ "މަގުމަތީގައި މީހުން ނެރެގެން އެކި ކަހަލަ ގުޖަޑު ހިންގުމާއި" އަދުލުއިންސާފު ގާއިމުކުރަން ތިބި ފަނޑިޔާރުން ހައްޔަރު ކުރި ކަމަށެވެ. އެހާ ހިސާބުން ޕީޕީއެމްގެ ފިކުރަށް ކެއްނުވީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންނާއި އެކު ޕީޕީއެމް 2012 ގައި ނިކުތީ މި ގައުމު ނަޝީދުގެ ކިބައިން ސަލާމަތް ކުރުމަށް ކަމަށެވެ. އަދި ޕީޕީއެމްއިން ނިކުތީ ސިފައިންނާއި ފުލުހުންނާއި ކުރިމަތިލުމުގެ ބަދަލުގައި އެފަރާތްތަކާއި އެކު ކަމަށެވެ.

ނަޝީދު އިއްޔެ ދެއްކެވި ވާހަކަފުޅު ތަކާއި ގުޅިގެން ޕީޕީއެމްގެ އިސް މެމްބަރުން ވަނި ނަޝީދަށް ފާޑު ވިދާޅުވެފައެވެ.