Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

ސިކުނޑީގައި ތެތްކަމެއް ނެތް ބަޔަކު ރައީސަށް ފާޑު ކިޔާތީ ހިނިއާދޭ: އައިބީ

ސިކުނޑީގައި ތެތްކަމެއް ނެތް ބަޔަކު ނިކުމެ ރައީސް ޔާމީންގެ ސިޔާސަތުތަކަށް ފާޑު ކިޔަމުން ގެންދާތީ ހިނިއަންނަ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އައިބީ މިގޮތަށް ވިދާޅުވެފައި ވަނީ ފާއިތުވި ބުދަ ދުވަހުގެ ރޭ، ވީޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އިދިކޮޅު އެމްޑީޕީއަށް ހަޖަމުނުވިނަމަވެސް މިއަހަރު ރައީސް އަބުދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ ދުނިޔޭގެ ފެންވަރުގެ ރިޔާސީ ބަޔާނެއް ކަމަށާއި އެމްޑީޕީއަށް މީގެ ދިހަ އަހަރު ފަހުންވެސް މިފެންވަރުގެ ރިޔާސީ ބަޔާނެއް ނީއްވޭނެކަމަށް މެންބަރު އައިބީ ވިދާޅުވިއެވެ.

"ހަމަ ޔަގީނުން ނޫންތޯ އެމްޑީޕީއަށް ދިހަ އަހަރުންވެސް ނީއްވޭނެ މިފަދަ ބަޔާނެއް. މިވެގެން އުޅޭގޮތަކީ ގައުމަށް އަންނަމުންދާ ތަރައްގީ އިނގޭތޯ. އެކަން ހަޖަމުނުވެގެން މިއުޅެނީ. އެހެންވީމަ ރިޔާސީ ބަޔާނޭވެސް ކިޔާނެ އިނގޭތޯ." އައިބީ ވިދާޅުވިއެވެ.

ވީޓީވީގައި ވާހަކަ ދައްކަވަމުން އައިބީ ވަނީ، 5 އަހަރުގެ ތެރޭގައި 94000 ވަޒީފާ އުފެއްދޭނެ ގޮތުގެ ހިސާބުތަކެއް ވެސް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ 185 ރަށުންނާއި، ރާއްޖޭގައި ހިންގާ 100 ވުރެ ގިނަ ރިސޯޓުން އަދި 100 ވުރެ ގިނަ ކުންފުނިތަކުން ދުވާލަކަށް 52 ވަޒީފާ އުފައްދައިގެން 94000 ވަޒީފާ އުފެއްދޭނެ ކަމަށް އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ދައުރު ނިމޭއިރު 94000 ވަޒީފާގެ ބަދަލުގައި އެއްލައްކަ ހަތަރުހާސް ވަޒީފާ އުފެދޭނެކަން ޔަގީންކުރައްވާ ކަމަށެވެ.