ބޮލީވުޑްގެ ތަރި ނީލް ނިތިން މުކޭޝް އޭނާގެ ލޯބިވެރިޔާ ރުކްމިނީ ސަހޭ އާއި ކައިވެނި ކޮށްފިއެވެ.
ފެބްރުއަރީ 9 ވަނަ ދުވަހު ބޭއްވި ކައިވެނީގެ ހަފްލާ އޮތީ ފަސް ތަރީގެ ހޮޓަލެއް ކަމަށްވާ 'ސިޓީ އޮފް ލޭކްސް' ގައެވެ.
ކައިވެނީގެ ހަފްލާގައި ނީލް ލައިގެން ކުރީ މުށި ކުލައާއި މެރޫން ކުލައިގެ ޝޭރްވާނީއެކެވެ. އަދި ރުކްމިނީ ލައިގެން ހުރީ ރަތާއި އޮރެންޖު ކުލައިން ޖަރީ ކޮށްފައި ހުރި ލެހެނގާ އެކެވެ. އެދެމީހުންގެ ހެދުންތައްވެސް ޑިޒައިން ކުރީ ސާރަތު ކްރިޝްނަން އެވެ.


500 މެހުމާނުންނަށް ދައުވަތު ދެވުނު އެ ކައިވެނީގެ ހަފްލާ ކުރިއަށް ދިޔައީ ހިންދޫއިންގެ އާދަކާދަ އާއި އެއްގޮތަށެވެ.
ކައިވެނި ކުރުމުގެ ކުރިން ބާއްވާ އެންގޭޖްމެންޓް އޮތީ އަންގާރަ ދުވަހުއެވެ. އަދި ސަންގީތު (ލަވަ) އާއި މެހެނދީ (ހީނާފަތް އެޅުން) އޮތީ ބުދަ ދުވަހުއެވެ.

"ލަފަންގޭ ޕަރިންދޭ" އާއި "ޕްރޭމް ރަތަން ދަން ޕާޔޯ" ފަދަ ފިލްމްތައް ކުޅެފައިވާ ނީލް އާއި ރުކްމިނީގެ ސަންގީތުގައި ބައިވެރިވި އެކްޓަރު ރިޝީ ކަޕޫރް ވަނީ އޭނާގެ މަޝްހޫރު ލަވަ "މެ ޝާޔަރް ތޯ ނެހީ" ކިޔައިދީފައެވެ.
ނީލް އަކީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިތިން މުކޭޝްގެ ދަރިއެވެ.