ފިލްމީ ދާއިރާގައި ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެކްޓަރު ސަންޖޭ ދަތު ދަނީ އޭނާގެ ކަމްބެކް ފިލްމް "ބޫމީ" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުންނެވެ.
އޮމަންގް ކުމާރްގެ އިސްނެގުމެއް ކަމަށްވާ "ބޫމީ" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ މި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.
އެފިލްމްގައި ސަންޖޭގެ އަންހެން ދަރިފުޅުގެ ރޯލް އަދާކުރާ އަދީތީ ރާއޯ ހައިދަރީވެސް ސަންޖޭ އާއިއެކު އެދުވަހު ޝޫޓް ކުރަން ފަށާނެއެވެ. މީގެ އިތުރުން އެފިލްމްގެ ކާސްޓް މެމްބަރުންގެ ތެރޭގައި ސަންޖޭގެ ގާތް ރައްޓެއްސެއް ކަމަށްވާ ޝޭކަރް ސުމަން ވެސް ހިމެނެއެވެ.
ހަމަ އެއާއިއެކު ކާސްޓްގެ އެހެން މެމްބަރުންނާއިއެކު އެފިލްމްގައި ނުބައި ބައި ކުޅޭ ޝަރަދް ކޭލްކަރް ވެސް މި މަހުގެ ތެރޭގައި ޝޫޓިން ފަށާނެއެވެ. 50 ދުވަހުގެ މުއްދަތަށް ދެމިގެންދާ ޝޫޓިން ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އާގްރާ ގައެވެ.
"ބޫމީ" އާއި ބެހޭގޮތުން ވާހަކަ ދައްކަމުން އެފިލްމްގެ ޑައިރެކްޓަރު ބުނީ މިއީ ސަންޖޭގެ ކަމްބެކް ފިލްމަށް ވުމުން މިފިލްމް އަކީ އޭނާއަށް ވަރަށް ޚާއްސަ ފިލްމެއް ކަމަށެވެ.
"ބޫމީ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ.