Last Updated: June 30, 19:07
Tuesday, June 30, 2026
ސިޔާސީ

އެމްޑީޕީގެ ޗެއާޕާސަނަކަށް ހަސަން ލަތީފް ހޮވިއްޖެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ކަމަށް އަލްއުސްތާޒް ހަސަން ލަތީފް އައްޔަން ކުރުމަށް އެޕާޓީން ރުހުން ދީފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ އެޕާޓީގެ ޗެއާޕާސަން އަކަށް ހުންނެވޮ އަލީ ވަހީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ހުޅުވާލި ފުރުސަތު ހަމަވި އިރު ކުރިމަތި ލައްވާފައިވަނީ އެމްޑީޕީ ސަރުކާރުގެ ޒުވާނުންގެ މިނިސްޓަރ އަދި ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒު ހަސަން ލަޠީފު އެކަންޏެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ވާގޮތުން ފެންނަ ނުފެންނަ ވޯޓުގައި ހަސަން ލަތީފަށް 5000 މީހުން އާއެކޭ ބުނެފިނަމަ، އޭނާއަށް މަޤާމް ލިބޭނެއެވެ.

އިއްޔެ މެންދުރު ފަހު 14:00 އިން އިރުއޮއްސި 18:00 އާއި ހަމައަށް ކުރިއަށް ދިޔަ އިންތިޚާބުގެ ވޯޓް ފޮށިތައް މުޅި ރާއްޖޭގައި އާއި ލަންކާގައިވެސް ބެހެއްޓިފައި ހުރިއެވެ. އެގޮތުން ވޯޓު ލާން ބެހެއްޓި 202 ވޯޓް ފޮށީގެ ތެރެއިން މިހާތަނަށް 150 ވޯޓް ފޮށީގެ ނަތީޖާ އިއުލާން ކޮށްފައި ވާއިރު، މިހާތަނަށް ހަސަން ލަތީފަށް އާއެކޭ ބުނެފައި ވަނީ 23188 މީހުންނެވެ. އަދި ނޫނެކޭ ބުނެފައި ވަނީ 160 މީހުންނެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް ރައީސް ނަޝީދަށް 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ މަގު ތަނަވަސް ކުރަން މަސައްކަތް ކުރާނެ ކަމަށް ހަސަން ލަތީފް ވިދާޅުވި ކަމަށް ސަން އޮންލައިން އިން ރިޕޯޓް ކުރެއެވެ.

އިއްޔެ ބޭއްވި އިންތިޚާބުގައި ލަންކާގައި ހުންނަވައިގެން ރައީސް ނަޝީދުވެސް ވޯޓް ދެއްވާފައި ވާއިރު، އެމަނިކުފާނު ވަނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކޮށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކޮށްފައެވެ. އަދި އެމަނިކުފާނަށް ވާދަ ނުކުރެވޭނެ ނަމަ، އެމްޑީޕީ އިން ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.