އާސެނަލްގެ ޖަރުމަނު މިޑްފިލްޑަރ މީސުޓް އޮޒިލްއަށް އާސެނަލް ސަޕޯޓަރުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އޭނާއަށް ސަޕޯޓަރުން އަދި ކުޅުންތެރިންވެސް އިހުތިރާމް ކުރަން ޖެހޭ ކަމަށް ބުނެ ވެންގާ އޮޒިލް ދިފާއުކޮށްފިއެވެ.
މިދިޔަ ހަފްތާގައި ޗެލްސީއަތުން އާސެނަލް ބަލިވެ އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވަނީ އޮޒިލްއަށެވެ.
ނަމަވެސް ވެންގާ ބުނެފައިވަނީ މެޗުން ބަލިވެފައިވަނީ އެންމެ ކުޅުންތެރިޔެއްގެ ސަބަބުން ނޫން ކަމަށާއި ސަޕޯޓަރުން ކުޅުންތެރިންނަށް ކުރަން ޖެހޭ އިހުތިރާމު ދަށްވެފައިވާ ކަމަށް ވެންގާ ބުނެފައިވެއެވެ.
އާސެނަލް ސަޕޯޓަރުންގެ އިތުރުން ކުރީގެ ކުޅުންތެރިންވެސް ވަނީ އޮޒިލްގެ ދަށް މަސައްކަތުގެ ރޭޓަށް ފާޑުކިޔާފައެވެ. މާޓިން ކޯން ބުނެފައިވަނީ އޮޒިލް އަކީ ޓީމުގެ އަގުބޮޑު މުދަލަކަށް ވެފައި ކަމަށެވެ.
ބޮޑެތި މެޗުތަކުގައި އަދި ޚާއްސަކޮށް ޓީމު ބަލިވެފައިވާ ދަނޑިވަޅުތަކުގައި އޮޒިލްގެ ފަރާތުން ދަށް ކުޅުމެއް މީގެ ކުރިންވެސް ފެނިގެން ގޮސްފައިވެއެވެ.
ނަމަވެސް މިހުރިހާ ކަންތައް އެއް ފަރާތްކޮށް، ކޯޗު އާސެން ވެންގާ ވަނީ އޮޒިލް ދިފާއުކޮށް މިއަދު ހަލްސިޓީ އާއި ދެކޮޅަށް ކުޅޭ މެޗުގައި ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓު ކުލަބަށް ބޭނުންވާ ކަމަށް ބުނެފައެވެ.
ޗެލްސީ މެޗުން ބަލިވެ އާސެނަލް ވަނީ ދެވަނައިން ހަތަރުވަނައަށް ވެއްޓިފައެވެ.