Last Updated: June 27, 17:04
Saturday, June 27, 2026
ޚަބަރު

ގައިދީން މަރުވާތީ މަހުލޫފް ކަންބޮޑުވެއްޖެ

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއް މިދިޔަ ހަފްތާ ތެރޭގައި ގޮތް ނޭނގޭ ގޮތަކަށް މަރުވެ ދިޔުމާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މަހްލޫފް ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންތައް 'ވާނުވާ' އެއް ނޭނގި މަރުވަމުންދާ ދިއުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމުގައެވެ.

އެގޮތުން މަހުލޫފް ޖަލަށް ލެވުނު ފަހުން ހަގީގަތެއް ނޭނގޭ ގޮތަށް 5 ގައިދީއަކު ވަނީ މަރުވެ ގޮސްފައެވެ. މީގެ އިތުރުން ޖަލުގައި އަނިޔާ ލިބެމުންދާ އެތައް ގައިދީންތައް މިހާރުވެސް އެބަތިބި ކަމަށާއި ގައިދީންނަށް ސިއްހީ ގޮތުން ދިމާވާ ކަންތައްތަކަށްވެސް އިހުމާލުވެފައިވާ ކަމަށް މަހުލޫފް ނެރުނު ބަޔާނުގައި ވެއެވެ.

އަދި ބައެއް ގައިދީންނާއި ދޭތެރޭ އަމަލު ކުރެވޭ ގޮތުން ނަފްސާނީ ގޮތުން ގެއްލުންވެ، ސިކުނޑި ހަމަނުޖެހޭ ގައިދީންވެސް ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ކަމަށް މަހުލޫފް ބުނެފައިވެއެވެ. އަދި ޖަލުގައި ބަރަހަނާކޮށްގެން ގައިދީން ބަލާ ފާސްކުރުން ހުއްޓުވައި އިންސާނީ ކަރާމާތަށް ގެއްލުން ނުވާފަދަ ސާޗްތައް ކުރުމަށްވެސް މަހުލޫފް ވަނީ ގޮވާލާފައެވެ.

ޓެރަރިޒަމްގެ ދައުވާގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބް އަބްދުލްޣަފޫރުގެ ހާލަތާއި މެދުގައިވެސް މަހުލޫފް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަހުލޫފް ވިދާޅުވިގޮތުން އަދީބު އޮންނަވަނީ ކޮންކްރީޓުން ހަދާފައިވާ އިރަށް ދޮންވާ ގޮޅިއެއްގައި ކަމަށެވެ. އިންސާނީ ހައްގުތަކަށް އަރައިގަނެވޭ މިފަދަ ކަންތައްތައް ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސް އެކަންތައް ބަލައި ފިޔަވަޅު އެޅުމަށް މަހުލޫފް ވަނީ ގޮވާލާފައެވެ.