Last Updated: April 30, 16:59
Wednesday, April 30, 2025
ރިޕޯޓް

ތިމާވެއްޓަށް ތިމާ އަށް ކޮށްދެވޭނީ ކޮން ކަމެއް؟

މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ގަބޫލުކޮށް އެކަމާ ވިސްނާ ފިކުރު ކުރާ ކަމެކެވެ. މޫދު ވަށާލެވިފައިވާ މިކުޑަކުޑަ ޖަޒީރާ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ، އަދި ކުރިއަށް އޮތް ތަނުގައި ކުރާނެވެސް އެއް ގައުމެވެ.

ނަމަވެސް ދިވެހިންގެ ތެރޭގައި ގަބޫލުކުރެވޭ މައިގަނޑު ވިސްނުމަކީ މޫސުމަށް އަންނަ ބަދަލުތަކަކީ އަޅުގަނޑުމެން ފަދަ ކުޑަކުޑަ ގައުމަކަށް ހައްލުނުކުރެވޭނެ ފަދަ ބޮޑު ކަމެކެވެ. 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީއާއެކު މިއަދު އަޅުގަނޑުމެންގެ ކޮންމެ ފަރުދަކަށްވެސް އިންޓަނެޓްގެ ޚިދުމަތް އަތްފޯރާ ހިސާބުގައި ތަނަވަސް ވެފައިވާއިރު މިއީ އަޅުގަނޑުމެން ބަދަލުކުރަން ޖެހޭ ވިސްނުމަކަށް މިއަދު ވަނީ ވެފައެވެ.

މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް، ނުވަތަ 'ކާބަން ފުޓްޕްރިންޓް' ދަށް ކުރުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކުޑަކުޑަ ކަންތައް ބައިވަރެވެ. މިއީ އަޅުގަނޑުމެންގެ އަތުން ޚަރަދެއް ނުދާ، ކުރަން ބުރަ ނޫން ކުދިކުދި، އެހެންނަމަވެސް މީގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ފައިދާތަކެއް ކުރާން ކަންތަކެވެ.

1. ހިއްކަން އަޅާ އެއްޗެހި ރޯނުގައި ލުން
ދޮންން މެޝިނުން ހެދުން ދޮވުމަށްފަހު އަވީގައި ހިއްކުމުގެ ބަދަލުގައި ޓެކްނޮލޮޖީ ޒަމާނުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ކުރާ ކަމަކީ ދޮންނަ މެޝިނަށް ހިއްކަންވެސް ލަނީއެވެ. މީގެ ބަދަލުގައި ރޯނުގައި ހެދުން އަޅައިގެން އަހަރަކު 153ކިލޯގްރާމުގެ ކާބަން ދުނިޔޭގެ ފަށަލައިން ސަލާމަތްކުރެވޭނެއެވެ.

2. ބޭނުންވާ ވަރަށް އެކަނި ފެން ކެއްކުން
ތިން މީހަކު ނުވަތަ ހަތަރު މީހަކު ދިރިއުޅޭ އާއިލާއެއްގައި ހަވީރު ސަޔަށް ފެން ހޫނު ކުރާއިރު ކުރައިގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބަޔަށް ފެން އަޅައި ކައްކާ މީހުން ވަރަށްވެސް ގިނައެވެ. މިއީ ގެއްލުމެއް ނެތް ކަމަކަށް ހީވިއަސް ބޭނުންވާ ވަރަށް އެކަނި ފެން ހޫނުކޮށްގެން 72 ކިލޯގެ ކާބަން ދުނިޔެއިން މަދުކުރެވޭނެއެވެ.

3. ގިނަ ވަގުތު ފެންވެރުމުގައި ހޭދަނުކުރުން
ލަވައެއް ކިޔާލަން ނުވަތަ ކަންކަމާއި މެދު ވިސްނަން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ފެންވެރުމުގައި އެތައް އިރެއް ހޭދަކުރަމެވެ. ދުނިޔޭގެ މުޅި އާބާދީ ފެންވެރުމުގައި މިހާރު ހޭދަކުރާއިރުން އެންމެ މިނެޓެއް މަދުކުރުމުން 23 ކިލޯގެ ކާބަން ޖައްވުން މަދުކުރެވޭނެއެވެ.

4. ބޭނުންނުކުރާ އިރު ކަރަންޓު ސާމާނު ނިއްވާފައި ބެހެއްޓުން
އެންމެ ޓީވީއެއް ބޭނުންނުކުރާއިރު ނިއްވާފައި ހުރުމުން ޖައްވުން 5 ކިލޯގެ ކާބަން މަދުވާނެއެވެ. އެހެންކަމުން އަޅުގަނޑުމެން ހުރިހާ އެންމެން ބޭނުން ނުކުރާ ގަޑީގައި ޓީވީ، ބޮކި، ކޮމްޕިއުޓަރު، އޭސީ، ފަންކާ އަދި މިފަދަ ސާމާނު ނިވާފައި ހުރުމުން އެތައް ސަތޭކަ ކިލޯ އެއްގެ ކާބަން ދުނިޔޭގެ ފަށަލައިން މަދުވެގެންދާނެއެވެ.

ބަޔާންކުރެވުނު ހަތަރު ކަމަކީ އަތުން އެއްވެސް ޚަރަދެއް ނުހިނގާ، ޚަރަދު ކުޑަކުރެވޭނެ ހަތަރު ކަމެވެ. މިއީ އޭގެ ސަބަބުން ތިމާވެއްޓަށް އިންތިހާއަށް މަންފާ ކުރާނެ ކަންތައްވެސްމެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއްތޯ ސުވާލުކުރުމުން ކުރެވޭނެ ކަމެއް ނެތޭ ބުނުމުގަ ބަދަލުގައި މި ހަތަރު ކަންތައް ކުރެވޭތޯ ބަލާށެވެ. ދަރިންނަށްވެސް ބޭނުން ނުކުރާ ގަޑިތަކުގައި ކަރަންޓު ސާމާން ނިއްވުމަށް ބާރު އަޅާށެވެ. މިވެށި ސަލާމަތް ކުރާކަށް އިތުރު ބަޔެއް ނާންނާނެއެވެ!