ހިތަދޫ ސްޓޭޑިއަމަށް ކަރަންޓު ދިނުމުގެ މަސައްކަތުގައި އުޅުނު އައްޑޫ ސިޓީ، ފެނަކަ ބްރާންޗުގެ ދެ މުވައްޒަފަކު ކަރަންޓުގައި ޖެހި ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓުގައި ޖެހުމުގެ ސަބަބުން އެންމެ ބޮޑަށް އަނިޔާވީ ހިތަދޫ ބްރާންޗުގެ ސީނިއާ ޓެކްނީޝަން މުހައްމަދު ނާޒިމަށެވެ. އޭނާއަށް ފަރުވާދެނީ އައިސީޔޫގައެވެ.
ނާޒިމް އާއި އެކު އެކު މަސައްކަތް ކުރި ޓެކްނީޝަން، މުހައްމަދު މުނައްވަރަށް ވެސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ މުވައްޒަފުން ކަރަންޓުގައި ޖެހިފައި ވަނީ ސްޓޭޑިއަމަށް ކަރަންޓު ދިނުމަށް ޕެނަލް ބޯޑުން އެހެން ފޮއްޓަކަށް ކަރަންޓު ދޭން އުޅުމުގެ ތެރޭގައެވެ.
ހިތަދޫ ހޮސްޕިޓަލްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް ވިދާޅުވީ، ކަރަންޓުގައި ޖެހިގެން ގެނައި 2 މީހުންގެ ވެސް ހާލު ސްޓޭބަލް ކަމަށާއި، އެމީހުން މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބީ، އޮބްޒަވޭޝަނަށް ކަމަށެވެ.
2015 ވަނަ އަހަރު، ގއ. ވިލިގިނލީ ފެނަކަ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒިފަކު ވެސް ކަރަންޓުގައި ޖެހިގެން މަރުވިއެވެ. އެ މައްސަލަ ބަލައި އެކަށީގެން ފިޔަވަޅު އަޅާނެ ކަމަށް ފެނަކަ އިން ބުނި ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނުވެއެވެ.