ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ވިސާ ޑެބިޓް ކާޑުގެ ތެރެއިން މުއްދަތު ހަމަވެގެން އާ ކުރަން ޖެހޭ ކާޑު، ކަސްޓަމަރު އެޕްލިކޭޝަން ފޯމަކާ ނުލައި އާކޮށްދޭން އެ ބޭންކުން ނިންމައިފި އެވެ.
ދިވެހި ބޭންކުން ބުނީ މުއްދަތު ހަމަވާ ވިސާ ޑެބިޓް ކާޑު އާކޮށް ދެވެނީ މުއްދަތު ހަމަވާން އޮންނަ މަސް ތެރޭގައި ކަމަށެވެ. އަދި އާ ކާޑު ހަދައި ނިމުމުން އެ ކަސްޓަމަރަކާ ގުޅައި ކާޑު ހަވާލުކުރުމުގެ އިންތިޒާމް ބޭންކުން ހަމަޖައްސާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ވިސާ ޑެބިޓް ކާޑު އާކޮށްދޭނީ ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން، ފާއިތުވި ތިސް މަސްދުވަހުގެ ތެރޭގައި ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން މަދުވެގެން އެއް މުއާމަލާތްކޮށްފައިވާ ކަސްޓަމަރުންގެ ކާޑު ކަމަށެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އެ ގޮތަށް ހަމަޖެހުމުން ކަސްޓަމަރުން ކާޑު އާ ކުރަން ފޯމު ހުށަހަޅަން ކިޔޫގައި މަޑު ކުރަން ނުޖެހި ފަސޭހަ ގޮތެއްގައި ކާޑު ލިބޭނެ އެވެ.