Last Updated: June 30, 18:22
Tuesday, June 30, 2026
ސިޔާސީ

މާލޭން 11،000 މީހުން ޕީޕީއެމަށް ސޮއިކޮށްފި

ޕީޕީއެމް އަށް މިއަދު މީހަކު ސޮއި ކުރަނީ - ފޮޓޯ: ވަގުތު އޮންލައިން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މެމްބަރުން އިތުރު ކުރުމަށްޓަކައި ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން 11 ފެބްރުއަރީ 2017 ވީ ހޮނިހިރު ދުވަހު އެކަނިވެސް އެޕާޓީ އަށް 11،000 މީހުން ވަނީ ސޮއި ކޮށްފައެވެ.

އެގޮތުން އިއްޔެ މާލޭގައި ޕީޕީއެމް އަށް މެމްބަރުން އިތުރު ކުރުމުގެ މަޤްސަދުގައި މެޑަމް ފާތުންގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދިޔަ ޙަރަކާތަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް އާއި ހަވާލާދީ ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.

ދައުލަތުގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން ކުންފުނިތަކުގެ އެމްޑީން ދެގްރޫޕަކަށް ބަހާލައިގެން ވަރަށް ވާދަވެރި މާހައުލެއް ކުރިއަށް ގެންދިޔަ ޙަރަކާތް އެހާ ކާމިޔާބު ވެފައި ވަނީ މެޑަމް ފާތުން އެޙަރަކާތް ރާއްވަވާ އިންތިޒާމް ކުރެއްވި ގޮތް ފުރިހަމަ ކަމުން ކަމަށް ފަލާހް ވިދާޅުވި ކަމަށްވެސް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.

އަދި އެއީ ރައީސް ޔާމީންގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ޚިދުމަތް ރައްޔިތުން ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

މެޑަމް ފާތުން އިސްވެ ހުންނަވައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އަންނަންވާއިރަށް ޕީޕީއެމް އަށް ދޮޅުލައްކަ މެމްބަރުން ހަމަކުރުމަކީ ޕީޕީއެމްގެ މިހާރުގެ އަމާޒް ކަމަށާއި، އެކަން ހާސިލް ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އެބައޮތް ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

މިއަހަރު "ފެށުން" ނަމުގައި މެޑަމް ފާތުން ފެއްޓެވި ރައީސް ޔާމީންގެ ކެމްޕެއިން އާއި އެކަމަނާގެ އިސްނެންގެވުމުގެ ދަށުން ޕީޕީއެމް އަށް މެމްބަރުން އިތުރު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން މީގެ ކުރިންވެސް އެޕާޓީއަށް ގިނަ އަދަދެއްގެ މީހުން ވަނީ ސޮއި ކޮށްފައެވެ.

މިވަގުތު ދިވެހިރާއްޖޭ ގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަކީ ޕީޕީއެމް ކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.