ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ ރައީސް މައިތްރީޕާލަ ސިރިސޭނާ އާއި ބައްދަލު ކުރައްވައިފިއެވެ.
ރައީސް ނަޝީދު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލަންކާގެ ރައީސް ސިރިސޭނާ އާއި ބައްދަލު ކުރައްވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް އެ ބައްދަލުވުމާއި ބެހޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައި ނުވެއެވެ.
Great pleasure to call on H.E President @MaithripalaS. pic.twitter.com/61qxRJazTh
— Mohamed Nasheed (@MohamedNasheed) February 11, 2017
ރައީސް ނަޝީދު ސްރީލަންކާއަށް ވަޑައިގަންނަވާފައި ވަނީ އެމްޑީޕީގެ އިސް ފަރާތްތަކާއި ބައްދަލު ކުރެއްވުމުގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ. އަދި ރައީސް ނަޝީދުގެ މިދަތުރުފުޅުގައި ލަންކާގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންވެސް ވަނީ އެމަނިކުފާނާއި ބައްދަލު ކުރައްވާފައެވެ.
13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ނަޝީދު މިހާރު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ. އެއީ ރާއްޖޭގައި ޙުކުމް ތަންފީޒް ކުރަމުން ދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ފަހުއެވެ.
ވަގުތު އޮންލައިން އިން ރިޕޯޓް ކުރާ ގޮތުގައި ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ރައީސް ނަޝީދު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަންނަވާނީ ހޯމަ ދުވަހު ކަމަށް މަޢުލޫމާތު ލިބެއެވެ.