Last Updated: June 30, 18:22
Tuesday, June 30, 2026
މުނިފޫހިފިލުވުން

"ޖޯލީ އެލްއެލްބީ 2" އަށް ފުރަތަމަ ދުވަހު 11 ކްރޯޑް

އަކްޝޭ ކުމާރް އާއި ހުމާ ޤުރޭޝީ ގެ ފިލްމް "ޖޯލީ އެލްއެލްބީ 2" ފެބްރުއަރީ 10 ވަނަ ދުވަހު ސިނެމާތަކުގައި ރިލީޒް ކޮށްފައި ވާއިރު، ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު އެފިލްމަށް ލިބިފައިވަނީ 11-11.50 ކްރޯޑް ރުޕީސް ކަމަށް ބޮކްސްއޮފީސްއިންޑިއާ ވެބްސައިޓް އިން އާންމުކުރި ރިޕޯޓް އެއްގައި ބުނެފިއެވެ.

މިފިލްމަކީ "ޖޯލީ އެލްއެލްބީ" ފްރެންޗައިޒް ގެ ދެވަނަ ފިލްމެވެ. އަދި މިފިލްމް ޑައިރެކްޓް ކޮށްފައި ވަނީ ސުބާޝް ކަޕޫރް އެވެ. ކޮމެޑީ އާއި މިއުޒިކް ހިމެނޭ ގޮތަށް އުފައްދާފައިވާ މިފިލްމަކީ ކޯޓެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

މިފްރެންޗައިޒް ގެ ފުރަތަމަ ފިލްމްގެ ލީޑަކަށް އަރްޝަދް ވާރްސީ ހުރިއިރު، "ޖޯލީ އެލްއެލްބީ 2" ގެ ލީޑް ރޯލް އަދާ ކުރަނީ އަކްޝޭ ކުމާރް އެވެ. މީގެ އިތުރުން މިފިލްމްގައި ސޯރަބް ޝުކްލާ އާއި އަންނޫ ކަޕޫރްގެ އެކްޓިން ވެސް ފެނިގެންދާނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ޖޯލީ 1 (އަރްޝަދް) އާއި ޖޯލީ 2 (އަކްޝޭ) ދިމާވިއިރު، އަރްޝަދް ވަނީ އަކްޝޭގެ ޕާފޯމެންސް އަށް ތަޢުރީފް ކޮށްފައެވެ. އޭނާ ބުނީ މިފިލްމްގައި އަކްޝޭ ވަނީ އަރްޝަދް އަށް ޕާފޯމް ކުރެވޭނެ ވަރަށްވުރެ 10 ގުނަ ރަނގަޅަށް ޕާފޯމް ކޮށްފައި ކަމަށެވެ.