Last Updated: June 30, 18:22
Tuesday, June 30, 2026
ވިޔަފާރި

މޯލްޑިވިއަންގެ ސީ ޕްލޭން ފްލީޓަށް އިތުރު ބޯޓެއް

މޯލްޑިވިއަންގެ ސީޕްލޭން ފްލީޓާ ގުޅުމަށް މިރޭ ސްވިޓްޒަލެންޑުން އައި ޓްވިން އޮޓާ މަރުކާގެ ބޯޓު --- ފޮޓޯ/ މޯލްޑިވިއަން

ރާއްޖޭގެ ޤައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް އާ ބޯޓެއް ގެނެސްފިއެވެ.

ފްލީޓަށް މިފަހަރު އިތުރު ކޮށްފައި ވަނީ ޓްވިން އޮޓާ މަރުކާގެ ބޯޓެކެވެ.

ދާދި ފަހަކާއި ޖެހެންދެން މޯލްޑިވިއަން ސީޕްލޭން ފްލީޓުގައ 10 ސީޕްލޭން އޮތް ނަމަވެސް، އޭގެ ތެރެއިން ދެ ބޯޓަކީ ކުރު މުއްދަތަކަށްޓަކައި ކުއްޔަށް ގެނައި ދެބޯޓު ކަމުން، މިހާރު އެ ދެ ބޯޓް ވަނީ އަނބުރާ ފޮނުވާލާފައެވެ.

އެގޮތުން ރޭ ގެނެވުނު އާ ބޯޓާއިއެކު މިހާރު މޯލްޑިވިއަންގެ ސީޕްލޭން ފްލީޓް ގައި ޖުމްލަ ނުވަ އެއާކްރާފްޓް ހިމެނޭނެއެވެ.

ސަން އޮންލައިން ނޫހުން ރިޕޯޓް ކުރާ ގޮތުގައި މޯލްޑިވިއަންގެ ސީޕްލޭން ފްލީޓް އަށް އިތުރުކުރި ޓްވިން އޮޓާ މަރުކާގެ މަތިންދާބޯޓު ސްވިޓްޒަލެންޑުން އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ޖެއްސީ ރޭ ރާއްޖެ ގަޑިން 19:55 ހާއިރެވެ.

ހަފްތާއެއްގެ ތެރޭގައި އަލަށް ގެނެވުނު ބޯޓުގައި ފްލޯޓް ހަރުކޮށް، ސީޕްލޭން އޮޕަރޭޝަންސް ތަކުގައި ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވިއަން އިން ބުނެފައިވާ ކަމަށްވެސް ސަން އޮންލައިން އިން ރިޕޯޓް ކުރެއެވެ.

މީގެ އިތުރުން ސީޕްލޭންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިތުރަށް ފުޅާ ކުރުމަށްޓަކައި މޯލްޑިވިއަން އިން ވަނީ ޓްވިން އޮޓާ އެއާކްރާފްޓްތަކުގެ މެއިންޓެނެންސް އަށް ޚާއްސަ ހެންގަރެއް ވެސް ފަރުމާ ކޮށްފައެވެ.

ރޭ ގެނެވުނު ބޯޓާއި އެކު މިހާރު މޯލްޑިވިއަންގެ ފްލީޓްގައި ޖުމްލަ 20 އެއާކްރާފްޓް އޮންނާނެއެވެ.