ސ. ހިތަދޫ ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބްރާންޗްގައޮ ބަހައްޓާފައި ހުރި ދެ އޭޓީއެމް މެޝިން އާ މެޝިންތަކަށް ބަދަލު ކުރުމަށް ނިންމައި އެ ދެ މެޝިނުގެ ބަދަލުގައި ފަހުގެ ދެ އޭޓީއެމް ހިތަދު އަށް ގެނެސްފި އެވެ.
ބެންކުގެ މެނޭޖަރު މާކެޓިން ހުސެއިން ރަޝީދު "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ހިތަދޫގައި އަލަށް ބަހައްޓަނީ އެންމެ ފަހުގެ ޑީބޯޑް ދެ އޭޓީއެމް މެޝިން ކަމަށެވެ. އަދި އެ މެޝިންތައް ހިތަދު އަށް ފޮނުވާފައިވާ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
ހުސެއިން އިތުރަށް ވިދާޅުވީ އާ އޭޓީއެމް ތައް ބަހައްޓާނީ މިހާރު ވެސް ބެންކުގެ އޭޓީއެމް ބަހައްޓާފައި ހުރި ތަނުގައި ކަމަށެވެ.
"ކުރިން ވެސް އޭޓީމް ހުރި ތާނގައި މި އޭޓީއެމް ތައް ބަހައްޓާނީ. އެ މެޝިންތައް ނަގައި މާލެ ގެންނަން މި ވިސްނަނީ،" ހުސެއިން ވިދާޅުވި އެވެ. "އަލަށް މި ބެހެއްޓޭ މެޝިންތަކަކީ ސެކިއުރިޓީ ގޮތުން ވަރުގަދަ އަދި މައްސަލަ ކުޑަ އޭޓީއެމްތަކެއް."
ހުސެއިން ވިދާޅުވީ ފުރަތަމަ ހިތަދޫ ބްރާންޗްގައި އާ ދެމެޝިން ބެހެއްޓި ނަމަވެސް ކުރިމަގުގައި އިތުރު މެޝިންތައް އައްޑޫގައި ބެހެއްޓުމަށް ބޭންކުން ވިސްނަމުންދާ ކަމަށެވެ.
ބީއެމްއެލްގެ ފަސް އޭޓީއެމް މެޝިން އައްޑޫގައި ހުރެ އެވެ.
އޭގެ ތެރެއިން ދެ މެޝިން ހުންނަނީ ހިތަދޫ ބްރާންޗްގައި އެވެ. އަދި އެއް މެޝިން މަރަދޫފޭދޫގައި ހުންނަ ބޭންކުގެ ގަން ބްރާންޗުގައި ހުންނަ އިރު އިތުރު އޭޓީއެމްއެއް ވަނީ ސާކް ސަމިޓާ ދިމާކޮށް ގަމު އެއާޕޯޓް ޑިޕާޗަ ޓާމިނަލުގެ ބޭރުގައި ވެސް ބަހައްޓާފަ އެވެ. އަދި ހުޅުމީދޫގައި ވެސް އެއް މެޝިނުން ހިދްމަތްދެ އެވެ.
ނަމަވެސް މުސާރަ ދޭ ދުވަސްކޮޅު އޭޓީއެމްތަކަށް ބާރު ބޮޑުވެ ގިނަ ވަގުތު އޭޓީއެމް ތައް ހިދްމަތް މެދުކެޑިފައި ހުރުމުގެ ސަބަބުން ގިނަ ކަސްޓަމަރުންނަށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.