Last Updated: June 25, 23:09
Thursday, June 25, 2026
ރިޕޯޓް

މިއީ ލަދުވެތި މަންޒަރެއް: ނިޔާޒް

ދައުލަތުގެ ވަޒީރުންނާއި މަޖްލިސް މެމްބަރުން ޒިއްމާ އަދި ދައުރު އޮޅި ފަސްޓްލޭޑީގެ އަޅުންނަށްވެ މަގުމަތީގައި ރައްޔިތުންގެ ތާއިދު ލިބޭތޯ ސަލާން ޖެހުމަކީ ލަދުވެތިކަމެއްކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރު އާއި ތީމާވެއްޓާއި ބެހޭ މިނިސްޓަރ ޠާރިގް އިބްރާހިމް އަދި މަޖިލިސްގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަގުމަތީގައި އާއްމު މީހަކު ޕާޓީއަށް ވެއްދުމަށް ފޯމުގައި ސޮއިކުރުވާ މަންޒަރު ހިމެނޭ ފޮޓޯއެއް ޝެއާ ކުރެއްވުމަށްފަހު ނިޔާޒް ވިދާޅުވީ ދައުލަތުގެ ނިޒާމްތައް ޚަރާބްވެ ވެއްޔާއި މޮޑެވިފައިވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ވަޒީރުން ރަސްމީ ގަޑިއަށްފަހު ގެއަށްވަޑައިގަންނަވަނީ މެޑަމް ފާޠިމަތު އިބްރާހިމް އަންގަވާ މަސައްކަތް ކުރެއްވުމަށްފަހު ކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެއެވެ.

ހޯމްމިނިސްޓަރު ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ހުއްޓިފައި ވަނިކޮށް އެ ހަރަކާތްތައް ފެއްޓެވީ މެޑަމް ފާތުންގެ އޮފީހުން ކަމަށެވެ. އަދި ޕީޕީއެމްގެ ހަރަކާތްތައް ހުއްޓިފައި ވަނިކޮށް މެޑަމް ފާތުން އަލުން ހަރަކާތްތައް ފެއްޓެވީ ވަރަށް ދަތި ހާލުގައި ކަމަށާއި އެކަމަނާ އަށް އެތައް އުނދަގޫތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަޖްލިސް މެމްބަރުންނާއި ވަޒީރުން މަގުމައްޗަށް ނިކުމެ ޕީޕީއެމްއަށް މެމްބަރުން ހޯދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުން 11،000 މެމްބަރުން ގެ ސޮއި ހޯދާފައިވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.