Last Updated: June 27, 17:04
Saturday, June 27, 2026
ޚަބަރު

ފުލުހުންނަށް ފިލަން ދުއްވި މީހަކު ވެއްޓި އަނިޔާވެއްޖެ

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން މަސައްކަތްކުރި މީހަކު ސައިކަލުން ވެއްޓި އަނިޔާވެއްޖެއެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމް ކައިރިން ހިނގި މިހާދިސާގައި ބާރު ސްޕީޑުގައި ދުއްވާފައި އައި މީހާ ސައިކަލުން ކަހާލާފައިވަނީ މަގުގައި ހެދިފައި ހުރި ވަޅުގަނޑުތަކުގެ މަތިން ކޮންޓްރޯލް ނުވެގެންނެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދެމުން އެސަރަހައްދުގައި ހަރަކާތްތެރިވި އޮފިސަރަކު ވިދާޅުވެފައިވަނީ މަރަދޫ ތެރެއިން މަޑުކުރުމަށް އެންގުމުން މަޑު ނުކޮށް އޭނާ ވަނީ ހިތަދޫއާ ހަމައަށް އައިސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފިލަން މަސައްކަތް ކޮށްފައިވަނީ ލައިސަންސް ނެތުމުންނެވެ. މިހާދިސާގައި ސައިކަލު ދުއްވަން ހުރި މީހާގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސްފައިވާއިރު ސައިކަލަށް ވެސް އެކިއެކި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މަންޒަރު ދުށް ފަރާތަކުން "އައްޑޫލައިވް" އަށް ކިޔާދެމުން ބުނެފައިވަނީ އެމީހާ ހެލްމެޓު އަޅައިގެން ހުރުމުން މާ ބޮޑު އަނިޔާއެއް ލިބިފައިނުވެއެވެ.

ފުލުހުން ވަނީ މީގެ ކުރިންވެސް މަޑު ކުރަން އެންގުމުން ފިލަން މަސައްކަތް ކުރި މީހުން އަތުލައިގެންފައެވެ. ނަމަވެސް މަޑުކުރަން އެންގުމުން ފިލަން މަސައްކަތް ނުކޮށް މަޑުކުރުމަށް ފުލުހުން ވަނީ އެކިފަހަރު މަތިން އާންމުންނަށް އިލްތިމާސް ކޮށްފައެވެ.