މިދިޔަ ހުކުރު ދުވަހު ބޭއްވުނު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އަލްއުސްތާޛް ހަސަން ލަތީފް އައްޔަންކުރުމަށް ބޭއްވުނު ފެންނަ ނުފެން ވޯޓުގައި އެންމެ ގިނަ މީހުން ވޯޓު ލާފައިވަނީ އައްޑޫ ސިޓީއިންނެވެ.
އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީއިން ނެރުނު ވޯޓުގެ ދާއިމީ ނަތީޖާގައި އެންމެ ގިނަ ވޯޓު އައްޑޫ އިން ލިބިފައިވަނީ ޖުމުލަ 4062 މީހަކު ވޯޓުލައިގެންނެވެ. 4052 މީހަކު ފެންނަ ކަމަށް ވޯޓު ލާފައިވާއިރު 10 މެމްބަރަކު ވަނީ ނުފެންނަ ކަމަށް ވޯޓު ލާފައެވެ.

އައްޑޫ ފިޔަވައި ދެން އެންމެ ގިނަ ވޯޓު ލިބިފައިވަނީ މާލެއިންނެވެ. މާލެއިން ލިބިފައިވާ ޖުމުލަ ވޯޓުގެ އަދަދަކީ 3330 އެވެ. 3308 މީހުން ފެންނަ ކަމަށް ވޯޓު ލާފައިވާއިރު މާލެއިން 20 މީހަކު ވަނީ ނުފެންނަ ކަމަށް ވޯޓު ލާފައެވެ.
އެމްޑީޕީ އިން ބުނެފައިވާ ގޮތުގައި ސަރުކާރު ވަޒީފާގައި ތިބޭ އެމްޑީޕީގެ ފަރާތްތަކަށް ވޯޓުގައި ބައިވެރިނުވުމަށް އަންގާފައިވެއެވެ. އަދި ވަޒީފާގެ ބިރުވެތިކަމުގައި ޕާޓީގެ ބައެއް މެމްބަރުން ވަނީ ދާދި ފަހުން ޕީޕީއެމްއަށްވެސް ސޮއިކޮށްފައި ކަމަށް ޚަބަރު ފެތުރިފައިވެއެވެ.