ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ބާސެލޯނާ އަދި އަލަވެސް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-6 އިން ބާސާ ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ދެ ގޯލު ޖަހާފައިވާއިރު ފުރަތަމަ ގޯލު ޖަހާފައިވަނީ 37 ވަނަ މިނެޓުގައި ސުއަރޭޒްއެވެ. 40 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައިވަނީ ނޭމާގެ ގޯލަކުންނެވެ.
ދެވަނަ ހާފުގައި ބާސާއިން ވަނީ އަލަވެސް ކޮޅަށް 8 މިނެޓުތެރޭ ހަތަރު ގޯލު ވައްދާލާފައެވެ. 59 ވަނަ މިނެޓުގައި މެސީ ދެވަނަ ހާފުގެ ފުރަތަމަ ގޯލު ޖަހާފައިވާއިރު 63 ވަނަ މިނެޓުގައި އަލާވަސްގެ އެލެކްސިސްގެ އަތުން ބައިކޮޅަށް ވަން ގޯލަކުން ބާސާއިން ވަނީ ހަތަރު ވަނަ ގޯލު ހަމަކޮށްފައެވެ.
ބައި ގޯލަށް ދެމިނެޓު ވީފަހުން އިވަން ރަކިޓިޗް ވަނީ ލީޑު 0-5 އަށް ފުޅާކޮށްފައެވެ. މެޗުގެ ފަހު ގޯލު ޖަހާފައިވަނީ ފުރަތަމަ ގޯލު ޖެހި ލުއިސް ސުއަރޭޒްއެވެ.
ބާސާއަށް ފަސޭހަ މޮޅެއް ލިބުނު ނަމަވެސް ރޭގެ މެޗުގައި އަނިޔާވި އެލެކްސް ވިޑާލްއަށް ވަނީ ސީޒަން ގެއްލިފައެވެ. ލަލީގާގައި ބާސާ ބަލިނުވެ 15 މެޗު ކުޅެފައިވާއިރު ދެން ޓީމު ނިކުންނާނީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށެވެ.