ސިނގިރޭޓާއި އެނާޖީ ޑްރިންކުން އަނެއްކާވެސް އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށައަޅައިފި އެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު މުހައްމަދު އާމިރު ހުށައެޅި މިއިސްލާހުގެ ފުރަތަމަ ކިއުން އިއްވުން ވަނީ މާދަމާގެ ޖަލްސާއަށް ތާވަލް ކޮށްފައެވެ.
ބިލް ހުށައެޅުމުގެ މަގުސަދަކަށް ވެފައިވަނީ ހަށިގަނޑަށް ގެއްލުން ލިއްބައިދޭ ތަކެތިން ދިވެހިން، ޚާއްސަކޮށް ޒުވާނުން ސަލާމަތްކުރުމަށް ބާރުއެޅުން ކަމަށް ބިލް ހުށައަޅަމުން އާމިރު ވަނީ ވިދާޅުވެފައެވެ.
ދިވެހި ޒުވާނުންގެ ތެރޭގައި ސިނގިރޭޓާއި އެނާޖީ ޑްރިންކު ވަރަށް މަގުބޫލު އެއްޗަކަށް ވެފައިވާއިރު މިއިސްލާހު ފާސްވުމުން މިބާވަތްތަކުގެ އަގު އަނެއްކާވެސް ބޮޑުވެގެން ދާނެއެވެ.
ޑިއުޓީ ބޮޑުކުރުމުން މިހާރު 47 ރުފިޔާއަށް ލިބޭ ސިނގިރޭޓު ފޮށީގެ އަގު 60 ރުފިޔާއަށްވުރެ މަތި ވެގެންދާނެއެވެ.
ސަރުކާރުގެ ފަރާތުން މިއަހަރުގެ ބަޖެޓަށް ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވަނީ މަޖިލިސް މެމްބަރުންގެ ކައިރިން ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް އެދިވަޑައިގެންފައެވެ. ޑިއުޓީ ބޮޑުކުރުމުން ސަރުކާރަށް 200 މިލިއަން ރުފިޔާ ސިނގިރޭޓުން ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. އެނާޖީ ޑްރިންކުގެ އިމްޕޯޓް ޑިއުޓީއިން ސަރުކާރަށް 9 މިލިއަން ރުފިޔާ ޑިއުޓީ ބޮޑު ކުރުމާއެކު ލިބޭނެއެވެ.