ފިލްމް "ވިޝްކާ" ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
އަންނަ މަހުގެ އަށް ވަނަ ދުވަހު ބޮޑު ސްކްރީންގައި އެޅުވުމަށް ހަމަޖެހިފައިވާ ޔާރާ ޕްރޮޑަކްޝަންގެ މި ފިލްމްގެ ޓިކެޓްތައް މާލޭގެ ޝްވެކް ސިނެމާ އިން ވިއްކަން ފަށާފައިވާ އިރު، ޝްވެކްގެ ކައުންޓަރު ހުޅުވާފައި ހުންނަ ހުރިހާ ގަޑިއެއްގައި ވެސް ޓިކެޓް ގަންނަން ލިބޭނެ އެވެ.
"ވިޝްކާ" ގެ ޕްރިމިއާ ޝޯގެ ޓިކެޓް 200 ރުފިޔާއަށް ވިއްކަން ހަމަޖެހިފައިވާ ކަމަށާއި، ދެންހުރި ހުރިހާ ޝޯއެއްގެ ޓިކެޓްތައް 100 ރުފިޔާއަށް ވިއްކާނެ "ވިޝްކާ" ގެ ޓީމުން ބުންޏެވެ.
ރިޝްމީގެ އިތުރުން މިފިލްމުން ފެނިގެންދާ ރަވީ ފާރޫޤް ވަނީ ފިލްމް ޑައިރެކްޓް ކޮށް، ފިލްމުގެ ވަރަށް މުހިންމު ރޯލެއްވެސް ކުޅެފައެވެ. "ވިޝްކާ" އިން އަހުމަދު ސައީދު ވެސް ފެނިގެން ދާނެ އެވެ.
މި ތްރިލާ ފިލްމްގެ ޝޯތައް ޝްވެކްގައި ދައްކާނެ ވަކި އަދަދެއް އަދި ކަނޑައަޅާފައި ނުވިނަމަވެސް، ރިޝްމީ ބުނާ ގޮތުގައި ފިލްމް އަށް ތަރުހީބު ލިބޭ ވަރަކަށް ޝޯތައް ކުރިއަށް ގެންދާނެ އެވެ.
އަދި "ވިޝްކާ" ޕްރިމިއާ ކުރަނީ ޝްވެކް ސިނެމާގައި ވީނަމަވެސް، މާޗު މަހުގެ ފަހުކޮޅު އޮލިމްޕަހުގައި ވެސް މި ފިލްމްގެ ދެ ޝޯއެއް ވަރު ދައްކަން ވިސްނާފައިވާ ކަމަށްވެސް ރިޝްމީ ބުނެއެވެ.
"ވިޝްކާ" އަކީ ޝްވެކް ސިނެމާގައި ޕްރިމިއާ ކުރާ އެންމެ ފުރަތަމަ ދިވެހި ފިލްމް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.